ޢިބްރަތްތެރި ވާހަކަ: ޢިއްފަތްތެރިކަން ދިފާޢުކުރާ ތެދުވެރި އަންހެނަކަށް ދެރައެއްދީފަ އުފަލުގަ ހުރެވޭނެކަމަށް ހީވެސް ނުކުރާތި! ދާދި އަވަހަށް އޮންނާނީ މާބާރަށް ރޯންޖެހިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 5ސ
ޢިބްރަތްތެރި ވާހަކަ: ޢިއްފަތްތެރިކަން ދިފާޢުކުރާ ތެދުވެރި އަންހެނަކަށް ދެރައެއްދީފަ އުފަލުގަ ހުރެވޭނެކަމަށް ހީވެސް ނުކުރާތި! ދާދި އަވަހަށް އޮންނާނީ މާބާރަށް ރޯންޖެހިފަ!

ރަށުގެ ސްކޫލްގައި އޭލެވެލް ނިންމާފައި އަޅުގަނޑު މާލެ އައީ މަތީ ތަޢްލީމް ޙާޞިލުކުރުމަށެވެ. ކިޔަވަންހުރީ ބައްޕަގެ ރައްޓެއްސެއްގެ ގޭގައެވެ. އޭނާގެ އަންހެނުންނަކީ ވަރަށް ރަނގަޅު މީހެކެވެ. އަޅުގަނޑުމެން ދެމީހުންގެ އުމުރުގައި މާބޮޑު ތަފާތެއް ނެތްނަމަވެސް އަޅުގަނޑާއިމެދު އޭނާ ކަންކަން ކުރަމުން ގެންދިއައީ އަމިއްލަ ދަރިއަކާއިމެދުވެސް ކަންކަން ކުރާނެ ގޮތަށެވެ. 

އެކަނި ބާޒާރަށްދާ ގިނަ ދުވަސްދުވަހު އެކުގައި އަޅުގަނޑު ގެންދެއެވެ. އަދި ރައްޓެހިންގެ ދައުވަތަށް ތަންތަނަށްދާއިރުވެސް ވަރަށް ގިނައިން ގެންދެއެވެ. އަޅުގަނޑުގެ ބޭނުންތަކަށް ޚަރަދުކުރާނެ ފައިސާ ބައްޕަ ދީފައި ހުންނައިރުވެސް ވަރަށް ގިނަ ކަންކަންވެސް ކޮށްދެއެވެ. އެފަދަ ހުރިހާ ކަމަކަށްޓަކައި އޭނާއަށް ވަރަށް ބޮޑަށް ޝުކުރުވެރިވާންޖެހެއެވެ. އަދި އޭނާދެކެ ވަރަށް ލޯބިވެސްވެއެވެ. 

ދުވަސްކޮޅެއްފަހުން ކުރިމަތިލާންޖެހުނީ ވަރަށް ބޮޑު ނުތަނަވަސްކަމަކާއިއެވެ. އެއީ އެހައި ހެޔޮ ދައްތަގެ ފިރިމީހާ އަޅުގަނޑާއި ބެހެން މަސައްކަތްކުރުމެވެ. އެކަމަށް ފައުޅުގައި ދެކޮޅުހެދީމެވެ. މީހުން ބުނާހެން ހަށިގަނޑުގެ ބަރަށް ރަންދިން ނަމަވެސް އެދައްތަ ދެރަވާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށް ބުނީމެވެ. 

އެހެން ބުނުމުންވެސް ހުއްޓާނުލައި ކުރިއަށް ގެންދާތީ ދެން އިތުރަށް އުނދަގޫކުރާނަމަ ދައްތަ ގާތު ބުނާނެ ކަމަށް ބުނުމުން އޭނާ ކުރީ ވަރަށް ނުބައިކަމެކެވެ. އެއީ އަޅުގަނޑަށް ސިއްރުން ދައްތަގެ ރަން ފަށެއް އަޅުގަނޑު ގެންގުޅޭ އެއްޗެތީގެ ތެރެއަށްލާފައި އަޅުގަނޑުގެ ބޮލުގައި ވަގުބަދުނާމުއެޅުވުމެވެ. 

ފިރިމީހާގެ ވާހަކަތައް ދައްތައަށް ޔަޤީން ނުކުރެވުނު ނަމަވެސް އެގެއިން އަޅުގަނޑު ނެރެލަން ތަކުރާރުކޮށް ފިރިމީހާ ބުނުމުން އަޅުގަނޑު ގާތުގައި ތަނެއް ހޯދައިގެން ބަދަލުވާން ދައްތަ ބުންޏެވެ. ނަޞީބަކުން އަވަށްޓެރިއަކު އަޅުގަނޑަށް އެހީތެރިކަން ފޯރުކޮށްދީ އެގޭގައި ބަހައްޓައިދިނެވެ.

އެއްރޭ ކާން ތިބެގެން ދެއްކި ވާހަކައެއްގައި އެއިރު އުޅޭ ގޭގެ ދައްތަ، ކުރިން އުޅުނު ގެއިން ނުކުންނަން ޖެހުނު ސަބަބާއިމެދު ސުވާލުކުރުމުން ނުބުނެ ހުރެވޭނެ ގޮތެއް ނެތިގެން ކަންކަން މެދުވެރިވި ގޮތް ކިޔައިދިނީމެވެ. އެވާހަކަ ކިޔައިދިނުމުން މިދައްތަވެސް އަޅުގަނޑަކީ ސިއްރު ކަންކަން ކުރާ އަންހެނެއްކަމަށް ހީކޮށްފާނެތީ ބިރުން ރޮވެންވެސް ރޮވުނެވެ. އެއީ އަނެއްކާ އެގެއިންވެސް ނެރެލައިފާނެތީއެވެ. އެވަގުތު އަޅުގަނޑު ވަކީލްކުރީ ﷲ އަށެވެ. ދޮގުނުހެދީ ﷲ ގެ ރުހިވޮޑިގަތުން ގެއްލިދާނެކަމަށް ގަންނަ ބިރު ބޮޑުވީމައެވެ. 

އެއިގެ މަހެއްހައި ދުވަސްފަހެވެ. އެއީ ހުކުރު ދުވަހެކެވެ. ހަވީރު ސައިބޮއި ނިމުނުތަނާ ކުރީގޭގެ ދައްތަ އައިސް ބުނީ އެގެއަށް ގޮސްލައިދިނުން އެދޭކަމަށެވެ. ކުރިން ބުނިހެން އެއީވެސް ވަރަށް ހެޔޮ ދައްތައަކަށްވުމުން އެއިރު އުޅޭ ގޭގެ ދައްތަގެ ހުއްދައާއިއެކު އެގެއަށް ދިއައިމެވެ. 

އެއިރު ވަރަށް ހާސްވެ ކަންބޮޑުވެފައި އިންކަހަލަ ގޮތަކަށް ދައްތަގެ ފިރިމީހާ ސިޓިންގ ރޫމްގައި އިނެވެ. އަޅުގަނޑުވެސް ގޮނޑިއެއްގައި ބައިންދާފައި ބުނީ ސިއްރުކުރަންޖެހޭނެ ކަމެއް ނެތްނަމަ އަޅުގަނޑުގެ ފޯނު ހުޅުވާފައި ދައްތަގެ އަތަށް ދިނުމަށް އެދޭކަމަށެވެ. އެހެން ބުނާއިރަށް އަޅުގަނޑު ފޯނު ދިނީމެވެ. 

ފޯނު ދިނީމާ ދައްތަ ބެލީ އޭނާގެ ފިރިމީހާ އަޅުގަނޑަށް ފޮނުވާފައި ހުރި މެސެޖުތަކެވެ. ޓެކްސްޓް މެސެޖްތަކާއި ވޮއިސް މެސެޖްތަކެވެ. ބަލާފައި ސުވާލުކުރީ މިވާހަކަތައް ކުރިން ނުބުނީ ކީއްވެގެންތޯއެވެ؟ ޖަވާބުގައި އަޅުގަނޑު ބުނީ އަޅުގަނޑަކީ ދެމަފިރިންގެ މެދުގައި މައްސަލަ ޖެހެން މެދުވެރިވާ ސަބަބަކަށްވާން ބޭނުންނުވާތީ ކަމަށެވެ. އަޅުގަނޑަށް ކިތަންމެ ބޮޑު ދެރައެއް ލިބުނު ނަމަވެސް ދައްތަމެންގެ އުފާވެރި ދިރިއުޅުމަށް ހިޔަންޏެއް އެޅޭފަދަ ކަމެއްވެސް އަޅުގަނޑުގެ ފުށުން ފެނުނަ ނުދިނުމަށްޓަކައި ކަމަށެވެ. އަދި މެސެޖްތައް ޑިލީޓްކުރަން އުޅެފައިވެސް ނުކޮށް ބެހެއްޓީ ފަހަރެއްގައި މިކަމުގައި އަޅުގަނޑުގެ ބައްޕަ ސުވާލުކުރުން ފަދަ ކަމެއް މެދުވެރިވެއްޖެނަމަ ޖަވާބުދާރީވާން ދެއްކުމަށް ކަމަށެވެ. 

މިވީ ގޮތަކީ އެތަނުން ބައެއް މެސެޖް ދައްތަގެ ފިރިމީހާގެ ފޯނުން ދައްތައަށް ފެނުނީއެވެ. މެސެޖުތައް ފެނުމުންވެސް ދޮގުހެދީއެވެ. އެހިސާބުން ދައްތަ ފިރިމީހާއަށް އެންގީ ވަރިކޮށްފައި ގެއިން ނުކުތުމަށެވެ. ބޭވަފާތެރިއެއްގެ އިތުރުން އޭނާއަކީ ބޮޑު މަކަރުވެރިއަކަށްވުމުން އެންމެ ވަގުތުކޮޅަކަށްވެސް އެކުގައި އިތުރަށް އުޅެން ބޭނުން ނުވާކަމަށެވެ. 

އަނެއްދުވަހު ދައްތަ އަޅުގަނޑު އަނބުރާ އެގެއަށް ގެންދިއައެވެ. އަދި އުޚުތެއްގެ ދަރަޖަ ދީފައި ބުނީ ދެން ދުވަހަކުވެސް ގެއިން ނުނެރޭނެ ކަމަށާއި އަދި ކުރިއަށްވުރެވެސް މާހެޔޮކޮށް ކަންކަން ކުރާނެ ކަމަށެވެ. 

ދައްތަގެ ވައުދު ދައްތަ ހިފެހެއްޓިއެވެ. ފުއްދިއެވެ. މިހާރު ކިޔަވައިނިމި ވަޒީފާއަދާކުރަނީއެވެ. ދައްތަ ދެއްކި މީހަކާ ކައިވެނިވެސް ކޮށްފީމެވެ. ދައްތަވެސް އުޅެނީ ކައިވެނިކޮށްގެންނެވެ. މިއުޅެނީ ހަމަ ދައްތަ ގާތުގައެވެ. ވަރަށް އުފަލުގައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ އަޅުގަނޑަށް މިދިމާވި ފަދަ ކަންކަން ކުރިމަތިވުމަކީ މިހާރަކަށް އައިސް ވަރަށް ޢާންމު ކަމެކެވެ. ކޮންމެފަދަ ޙާލެއްގައި ޖެހުނަސް އެފަދަ މަޅިއެއްގައި ނުޖެހި ﷲ އަށް ތެދުވެރިވީމާ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެކަން ޔަޤީނެވެ. ވަގުތީ ގޮތުން ތަކްލީފާއި ހިތްދަތިކަން ލިބުނު ނަމަވެސް ކެތްތެރިކަމާއިއެކު ސާބިތުވެލުމުން ދެއްވަވާ ނިޢްމަތްތައް މާގިނަވާނެއެވެ. ކުރާ ފައިދާވެސް މާބޮޑުވާނެއެވެ!

 

- ޒުބައިދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން