ހުއްޓިފައިވާ ފެނާއި ނަރުދަމާގެ 22 މަޝްރޫޢުއެއް އެމްޑަބްލިއުއެސްސީގެ ދަށަށް ބަދަލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ހުއްޓިފައިވާ ފެނާއި ނަރުދަމާގެ 22 މަޝްރޫޢުއެއް އެމްޑަބްލިއުއެސްސީގެ ދަށަށް ބަދަލުކޮށްފި

ސަރުކާރުން ކުރިއަށް ގެންގޮސް ވަކިހިސާބަކުން ހުއްޓިފައިވާ ފެނާއި ނަރުދަމާގެ 22 މަޝްރޫޢުއެއް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ދަށަށް ބަދަލުކޮށްފިއެވެ. މިކަން ހާމަކުރެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދެވެ.


ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެމްޑީ މަތީން ވިދާޅުވީ، މިހާރުވެސް އެމްޑަބްލިއުއެސްސީއިން 25 ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ރަށްތަކުގެ ތެރެއިން 2 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަރުކާރާއެކު މަޝްވަރާކޮށްފައި މިވަނީ 22 ރަށުގެ މަސައްކަތާ އެމްޑަބްލިއުއެސްސީއިން ހަވާލުވުމަށް. ސަރވޭއާއި ޕްރޮޕޯޒަލް ހަދައި، މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިދަނީ ވަމުން. މީގެ ތެރެއިން ގިނަ ރަށްތައް އަންނަ އަހަރަށް ނިންމާލުން އަމާޒަކީ،" އެމްޑީޑީ މަތީން ވިދާޅުވިއެވެ.

މި ބަދަލާއެކު، އެމްޑަބްލިއުއެސްސީއިން ޖުމްލަ 47 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ހިންގަމުންދާނެއެވެ. މިއީ ރާއްޖޭގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރަނގަޅު ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެއް ކަމަށް ބެލެވެއެވެ.

މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ދިރިއުޅޭ ރައްޔިތުންނަށް އަސާސީ ޚިދުމަތްތަކެއް ކަމުގައިވާ ސާފު ބޯފެނާއި ރަނގަޅު ނަރުދަމާގެ ނިޒާމު ޤާއިމުވެގެންދާނެއެވެ.

މިއަދު އޮންލައިން