ގއ. ވިލިނގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ގއ. ވިލިނގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ގއ. ވިލިނގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މިމަހުގެ 4 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ލ. ފޮނަދޫ / ކެނެރީގެ، ޢަލީ މުމްތާޒް (37އ) އަދި ބަނގުލަދޭޝް މީހެއް ކަމުގައިވާ އިރުޝާދު މިއާ (29އ) އެވެ.

ވިލިނގިލި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ މީހުން ދަތުރުކުރި ދޯނި ކަނޑުމަތިން ހުއްޓުވައި ކޫއްޑޫ ބަނދަރަށް ގެންގޮސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 126 ގްރާމެކެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަނދުކުރުމަށް ވަނީ އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ވިލިނގިލި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނައިރު އޮގަސްޓް މަހު މަސްތުވާތަކެތީގެ 130 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކުށް މަދުކުރުމަށް އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުން ކައުންސިލްތަކާ ގުޅިގެން ދަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ. ވަކިން ޚާއްޞަކޮށް ވައްކަމާއި އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި، ތަފާތު އެކި ޕްރޮގުރާމުތައް ހިންގައި، އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ ޙަރަކާތްތަކެއް ފުލުހުން ގެންދަނީ ހިންގަމުންނެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން