މާފަންނު ބަސް ޓާމިނަލް ކައިރީގައި ދެ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ދެމުންދާކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހަވީރު 18:29 ހާއިރުއެވެ. އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރޭގައި ދިވެހި ފިރިހެނަކާއި ބިދޭސީ ދެ ފިރިހެނުން ހިމެނެއެވެ.
ފުލުހުން އިތުރަށް ވިދާޅުވި ގޮތުގައި، މި އެކްސިޑެންޓާ ގުޅިގެން އަނިޔާވި ތިން މީހުންނަށްވެސް މިވަގުތު އައިޖީއެމްއެޗްގައި ފަރުވާ ދެމުން ގެންދެއެވެ. ނަމަވެސް، އަނިޔާވި މީހުންގެ ހާލަތާ ބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މިދިޔަ ހަފްތާއެއްހާ ދުވަސް ތެރޭގައި މާލެ ސަރަހައްދުގައި ނުރައްކާތެރި އެތައް އެކްސިޑެންޓެއް ހިނގާފައިވާކަން ފާހަގަކުރެވެއެވެ. މި އެކްސިޑެންޓްތަކުގެ ތެރެއިން ބައެއް އެކްސިޑެންޓްތަކުގައި ދެ މީހަކު ނިޔާވެފައިވާކަންވެސް ފާހަގަކުރެވެއެވެ. މިކަމާ ގުޅިގެން ގިނަ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.