ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްވުމުން ޤައުމުގެ އިޤްތިޞާދަށް ބޮޑު ފައިދާއެއް ކުރާނެކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އިއްޔެ ރޭ ބޭއްވުނު، އެމެރިކާގެ އެމްބަސީ ރާއްޖޭގައި ޤާއިމްވެ މަސައްކަތް ފެށިތާ އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައެވެ.
ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، "އެމެރިކާ ރާއްޖެ ގުޅުމުގެ ތެރެއިން އަޅުގަނޑުމެންނަށް ލިބެން އޮތް އެންމެ ބޮޑު ކުރިއެރުމަކީ ޕޭޕަލްގެ ޚިދުމަތް. އަޅުގަނޑުމެން މިއީ ކުޑަ މާކެޓެއް ނަމަވެސް އެމެރިކާގެ އެހީގައި ހުރި ގޮންޖެހުންތައް ނައްތާލާ ޚިދުމަތް ލިބެން ފެށުމުން އޭގެ ފައިދާ އަޅުގަނޑުމެންގެ އިޤްތިޞާދަށް ވަރަށް ބޮޑަށް ކުރާނެ" ކަމަށެވެ.
މީގެ އިތުރުން، ވަޒީރު ވަނީ ރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ގުޅުމަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން، ދެ ޤައުމުގެ ގުޅުން ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އިތުރަށް ބަދަހިވެ، އެކުގައި ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ، މިދިޔަ ޖުލައި މަހު އެމެރިކާއާއި ރާއްޖެއާ ދެމެދު 3 ވަނަ ޓްރޭޑް އެންޑް އިންވެސްޓްމެންޓް ފްރޭމްވޯކް އެގްރިމެންޓްގެ މަޝްވަރާތައް ކުރިއަށް ގެންދެވުނު ކަމަށެވެ.
އެމެރިކާގެ އެމްބަސީ ރާއްޖޭގައި ޤާއިމްވެ، ފުރަތަމަ ފަހަރަށް އެމެރިކާއިން ރާއްޖެއަށް ސަފީރެއް ކަނޑައެޅީ މިދިޔަ އަހަރު ކަމެވެ. މިހާރު އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރަކީ ހޫގޯ ޔޫ-ހޯ ޔޮންއެވެ.
މި ހަފްލާގައި ދެއްކެވި ވާހަކަފުޅުން، ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ ރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ގުޅުމުގެ މުހިންމުކަމާއި، ޕޭޕަލްގެ ޚިދުމަތް ތަޢާރަފްވުމުން ރާއްޖޭގެ އިޤްތިޞާދަށް ކުރާނެ ފައިދާގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.