އުތުރު ތިލަފަޅުގައި ތަރައްޤީކުރާ އެގްރިކަލްޗަރ ޒޯނުގެ މަސައްކަތް އަންނަ އަހަރު ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
އުތުރު ތިލަފަޅުގައި ތަރައްޤީކުރާ އެގްރިކަލްޗަރ ޒޯނުގެ މަސައްކަތް އަންނަ އަހަރު ފަށަނީ

އުތުރު ތިލަފަޅުގައި ތަރައްޤީކުރާ 200 ހެކްޓަރުގެ އެގްރިކަލްޗަރ ޒޯނުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، މި މަޝްރޫޢުގެ އެކުލަވާލުމުގެ މަސައްކަތް މުޅިން ނިމި، މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޓައިމްލައިނެއްވެސް އެކުލަވާލާފައިވާ ކަމަށެވެ. އަދި ބިން ހިއްކުމަށް ބޭނުންވާ އީއައިއޭގެ މަސައްކަތް މިހާރު ކުރިއަށްދާކަން ފާހަގަކުރައްވައި، މިއީ ސަރުކާރުގެ އެންމެ އުއްމީދީ އެއް މަޝްރޫޢުކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިކަމަށްޓަކައި 200 ހެކްޓަރުގެ ބިން އަޅުގަނޑުމެންނަށް ދޫކުރާގޮތަށް ހަމަޖެހިފައިވަނީ. ދެފޭސްއަކަށް ކުރިއަށްގެންދާ 100 ހެކްޓަރުގެ ފުރަތަމަ ފޭސްގައި ކުރާނީ މުޅިންވެސް ގްރީންހައުސްތަކެއް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައި. އަނެއް 100 ހެކްޓަރުގައި މައިގަނޑުގޮތެއްގައި ހައްދާނީ ބިމަށް ފައިބާގޮތަށް މިހުންނަ ބާވަތްތައް. އޭގެތެރެއިންވެސް ރާއްޖެއަށް އާއްމުކޮށް އެތެރެކުރާ ބާވަތްތައް," ޑރ. ރަމީލާ ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އެގްރިކަލްޗަރ ޒޯނުގެ ފުރަތަމަ ފިޔަވަހީގައި ގްރީން ހައުސްތަކުގައި މައިގަނޑު ގޮތެއްގައި ހެއްދުމަށް ހަމަޖެހިފޖެހިފައިވަނީ ރާއްޖެއަށް އެތެރެކުރާ ބާވަތްތަކުގެ ތެރެއިން ގްރީން ހައުސްގައި ހެއްދޭ ބާވަތްތައްކަމަށެވެ. އަދި ދެވަނަ ފިޔަވަހީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ބިމު އަޑިއަށް ފައިބާ ބާވަތްތަކުގެ ތެރެއިން ފިޔާ، އަލުވި ފަދަ ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމެނޭ ބާވަތްތައްކަމަށްވެސް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މުހިންމު މަޝްރޫޢެއްކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން