އޭނާއަކީ ކިޔެވިނަމަވެސް ރަނގަޅު ވަޒީފާއެއް ނުލިބުމުގެ ސަބަބުން މަގުމަތީގައި މީހުންނަށް މަސައްކަތްކޮށްދީގެން އާމްދަނީ ހޯދައިގެން ދިރިއުޅެމުން އައި ޒުވާނެކެވެ. ޢާންމުކޮށް ކުރާ މަސައްކަތަކީ މީހުންގެ ކާރު ފުހެދިނުމެވެ.
އެމަސައްކަތުގައި އުޅެނިކޮށް އެއްދުވަހަކު އޭނާއަށް ފެންނަނީ ކާރަކުން ފޭބި އަންހެނަކު ވެއްޓުނުތަނެވެ. ދުވެ ދިއައިރު އޭނާގެ ލޯބިވެރިޔާވެސް އޭނާގެ ގާތުގައި ހުއްޓެވެ. ނަމަވެސް އޭނާ ނަގަން ލޯބިވެރިޔާ އެއްވެސް މަސައްކަތެއް ނުކުރެއެވެ.
ފަޤީރު ޒުވާނާ އޭނާ ނަގައި އެއްކައިރިކުރިއެވެ. އަދި ދުއްވާފައިދިއަ ކާރެއް ހުއްޓުވައި އޭނާ ކާރަށް ލައިގެން ހޮސްޕިޓަލަށް ގެންދިއައެވެ. ޑޮކްޓަރުން ބުނީ ވަރަށް އަގުބޮޑު އިންޖެކްޝަނެއް ވަގުތުން ޖަހަންޖެހޭކަމަށެވެ. އެހެންބުނުމުން ލޯބިވެރިޔާ އެއްވެސް ސަމާލުކަމެއް ނުދިނެވެ. ނަމަވެސް ފަޤީރު ޒުވާނާ އޭނާގެ އަތުގައި ހުރި ހުރިހާ ފައިސާއެއް ބޭނުންކޮށްގެން އިންޖެކްޝަން ގަނެދިނެވެ.
ގަޑިއެއްހާއިރު ފަހުން އަންހެންމީހާ ހޭއެރުމުން މައުލޫމާތު އޮޅުންފިލުވިއިރު އޭނާވީ ވަރަށް ތަނަވަސް ޢާއިލާއެއްގެ ކުއްޖަކަށެވެ. ޢާއިލާއަށް ގުޅުމުން ވަގުތުން މީހުން އައެވެ. ކަންކަން ހިނގައި ދިއަ ގޮތް ޑޮކްޓަރުން ކިޔައިދީ އިންޖެކްޝަން ގަނެދިނީ އެ ޒުވާނާކަމަށް ބުނުމުން އެމީހުން ޒުވާނާ އާއި ސުވާލުކުރީ މީގެކުރިން އެމީހުންގެ ދަރިފުޅު އެނގޭތޯއެވެ. ކުރިން އެއްވެސް ވަރަކަށް ނުދަންނަ ކަމަށް ބުނުމުން އެމީހުން ބުނީ މިއަދުން ފެށިގެން އޭނާއަކީ އެ ޢާއިލާގެ މީހެއް ކަމަށް ބަލައިގަތީކަމަށާއި ދެން މަގުމަތީގައި އުޅެން ނުޖެހޭނެ ކަމަށެވެ.
ޢާއިލާއިން ދަރިފުޅު ގޮވައިގެން ގެއަށް ދިއައީ ފަޤީރު ޒުވާނާވެސް ގޮވައިގެންނެވެ. ގެއަށް ގެންގޮސްފައި ޢޭނާ އާއި ޙަވާލުކުރީ ކާރުތަކާއި ބަގީޗާ ބެލެހެއްޓުމެވެ. ގޭގައި ހުރެވޭނެ ގޮތް ހަދައިދީ ރަނގަޅު މުސާރައެއްވެސް ދޭންފެށިއެވެ.
އަންހެން ކުއްޖާއަށް ރަނގަޅުވެލުމުން ބޭރަށް ނުކުމެ ޒުވާނާ އާއި ވާހަކަދައްކައިލުމުން އޭނާއަކީ އަޚްލާޤްގެ ގޮތުން ވަރަށް ރަނގަޅު، މީހުންނަށް ޤަދަރުކުރަން ދަންނަ ޒުވާނެއްކަން އެނގުނެވެ. އަދި އޭނާ ހޮސްޕިޓަލުގައި ކަންތައްކުރިގޮތުން ކިތަންމެ ފަޤީރު ނަމަވެސް ދަހިވެތިކަމެއް ނެތް އެހެން މީހުންނަށްޓަކައި އަތްމަތި އެކުގައި ހުސްކޮށްލަން ޖެހިލުން ނުވާނެ ޒުވާނެއްކަން އެނގުނެވެ.
ނަތީޖާއަކަށްވީ ކުރީގެ ލޯބިވެރިޔާ އާއި ވަކިވެ އޭނާއާއި ގުޅުމެވެ. އަދި އެސަބަބުތަކަށްޓަކައި ޢާއިލާއިންވެސް އެކަމަށް ހޫނު މަރުޙަބާއެއް ކިޔެވެ. ތަނަވަސްކަމުގެ ގޮތުން ކިތަންމެ ތަފާތު ނަމަވެސް ދެމީހުން ކައިވެނިކޮށްގެން އުފަލުގައި ދިރިއުޅެމުން އަންނަތާ 15 އަހަރުވީއެވެ. 3 ދަރިންވެސް ވަނީ ލިބިފައެވެ.
މިވާހަކަ ކިޔުމަށްފަހު މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީ އިންސާނިއްޔަތުކަން ހުރިނަމަ އެކަމުގެ ފައިދާ ހީވެސް ނުކުރާހައި ބޮޑަށް ލިބޭނެކަމަށް ބުނުމަށެވެ. އެފަޤީރު ޒުވާނާފަދަ މީހުންގެ ބޭންކް އެކައުންޓެއް ނުއޮންނާނެއެވެ. މަސައްކަތްކޮށްގެން ލިބޭހައި ފައިސާއެއް ހުންނާނީ އަތުގައެވެ. ވީމާ އެދުވަހު އޭނާ މީހެއްގެ ފުރާނަ ސަލާމަތްކުރަން ހޭދައެކުރީ މުޅި އުމުރުގައި އޭނާ ކުރި މަސައްކަތުން ލިބިފައި ހުރި ހުރިހާ ފައިސާއެކެވެ.
ދެން ފެނިގެން އެދިއައީ އެކަމަށް ﷲ ތަޢާލާ ލެއްވެވި ބޮޑު ރަޙްމަތެވެ. ﷲ ތަޢާލާއީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ އިލާހްއެވެ. ބައެއް ބައެއް ޢަމަލުތަކަށް ވަގުތުން ހެޔޮޖަޒާ ދެއްވަވަތެވެ. އަނެއްބައި ފަހަރު ލަހުންވެސް މިންވަރުކުރައްވަވަތެވެ. ޔަޤީންކުރަންވީ ﷲ ތަޢާލާގެ މަގުގައި ކުރި ހެޔޮޢަމަލަކަށް ޙައްޤު ޖަޒާ ދެއްވަވާނެ ކަމެވެ.
- ނަރީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް