ހއ. އަތޮޅު ހޮސްޕިޓަލުން ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެމުން، ހއ. އަތޮޅު ހޮސްޕިޓަލުން ބުނީ އަތޮޅުގެ ހުރިހާ ޞިއްޙީ މަރުކަޒުތަކަށާއި އަތޮޅު ހޮސްޕިޓަލުގައި މަސައްކަތްކުރާ ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ހޯދެންދެން، ކޮންމެ ތިން މަހަކުން އެއް މަހު ނަރުހުން ހޯދުމަށް އިޢުލާން ކުރަމުން ގެންދާނެ ކަމަށެވެ.
މި މަސައްކަތުގެ ތެރެއިން، ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ވަނީ މި މަހުގެ 6 ވަނަ ދުވަހު ނަރުހުން ބޭނުންވާކަމަށް ބުނެ އިޢުލާނެއް ކޮށްފައެވެ. މި އިޢުލާނުގައިވާ ގޮތުން، އަތޮޅުގެ އެންމެ ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގެ ޞިއްޙީ މަރުކަޒުތަކަށާއި އަތޮޅު ހޮސްޕިޓަލަށް ޖުމްލަ 51 ނަރުހުން ބޭނުންވެއެވެ.
މި ފިޔަވަޅަކީ ޞިއްޙީ ދާއިރާގައި ދިވެހިންގެ ބައިވެރިވުން އިތުރުކޮށް، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ބެލެވެއެވެ. މީގެ އިތުރުން، މި ފިޔަވަޅުގެ ސަބަބުން ޞިއްޙީ ޚިދުމަތް ދިނުމުގައި ދިމާވާ ބަހުގެ ހުރަސްތައް ނައްތާލެވި، ބަލިމީހުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ލަފާކުރެވެއެވެ.