އިމިގްރޭޝަން ޔުނިފޯމާ އެއްވައްތަރު ހެދުމެއް ލައިގިގެން ތިބޭ ބަޔަކު ރާއްޖޭގެ އާންމު ރައްޔިތުންނަށް ގުޅައި، އެމީހުންގެ އަމިއްލަ މަޢުލޫމާތާއި ބޭންކު ކާޑުގެ މަޢުލޫމާތު ހޯދަމުންދާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ސްކޭމް ކޯލްތައް އަންނަނީ "ވަޓްސްއެޕް" މެދުވެރިކޮށް ރާއްޖެއިން ބޭރު ޤައުމެއްގެ ނަންބަރުތަކުން ކަމަށެވެ. އަދި މި ކޯލްތަކަކީ ވީޑިއޯ ކޯލްތަކެއް ކަމަށާއި، ކޯލް ކުރާ ފަރާތްތައް ތިބެނީ އިމިގްރޭޝަންގެ ޔުނިފޯމާ އެއްވައްތަރު ހެދުމެއްގައި ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
"މިއީ އެއްވެސް ހާލެއްގައި އިމިގްރޭޝަން އޮފިސަރުންގެ އަމަލެއް ނޫންކަމުގެ ޔަޤީންކަން އަޅުގަނޑުމެން އާންމުންނަށް އަރުވަން. މިފަދަ ސްކޭމް ކޯލްތަކަށް ސަމާލުވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަން: އިމިގްރޭޝަނުން ބުންޏެވެ.
މި ބާވަތުގެ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، އާންމު ރައްޔިތުން އެމީހުންގެ އަމިއްލަ މަޢުލޫމާތާއި ބޭންކު ކާޑުގެ މަޢުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ކަމާބެހޭފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.