ބަންކަރިންގެ ޚިދުމަތައް ރާއްޖެގެނައި ފުރަތަމަބޯޓް ކުޅުދުއްފުށި ސިޓީ ކައިރީ ބަނދަރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ބަންކަރިންގެ ޚިދުމަތައް ރާއްޖެގެނައި ފުރަތަމަބޯޓް ކުޅުދުއްފުށި ސިޓީ ކައިރީ ބަނދަރުކޮށްފި

ބަންކަރިންގެ ޚިދުމަތައް އެސްޓީއޯއިން ރާއްޖެގެނައި ފުރަތަމަބޯޓް މިއަދު ކުޅުދުއްފުށި ސިޓީ ކައިރީ ބަނދަރުކޮށްފިއެވެ. މިއީ ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

އެސްޓީއޯއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ޚިދުމަތް ފެށުމަށް ރާއްޖެއަށް ގެންނަނީ 4000 ޓަނުގެ ތެޔޮ އުފުލޭ 2 އުޅަނދެވެ. މީގެތެރެއިން ފުރަތަމަ ބޯޓު މިހާރު ކުޅުދުއްފުށި ސިޓީގައި ބަނދަރުކޮށްފައިވާއިރު، ދެވަނަ ބޯޓުވެސް ރާއްޖެއަށް ވަރަށް އަވަހަށް އަންނާނެ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.

ބަންކަރިންގެ ޚިދުމަތް ރާއްޖޭގައި ފޯރުކޮށްދެނީ ދުނިޔޭގެ މުދާ އުފުލާ އަދި ޝިޕިންގ މަސައްކަތްތކަތްތައް ކުރަމުންދާ މަޝްހޫރު ކުންފުންޏެއްކަމަށްވާ ވިޓޯލް ބަންކާސްއާ ގުޅިގެންނެވެ. އެކި ސަރަޙައްދުތަކުގައި ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ވިޓޯލް ބަންކާސްގެ މެޕުގައި ދިވެހިރާއްޖެ މިހާރު ވަނީ ހިމަނާފައެވެ.

މިކަމާގުޅިގެން އެސްޓީއޯ އަދި ސްޓޭޓް ޝިޕިންގ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެފައިވަނީ "ރަތް ކަނޑުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދަތުރުފަތުރުގެ ރޫޓުތަކަށް ބޮޑެތި ބަދަލުތައް އަންނަމުންދާ މި ދަނޑިވަޅުގައި، މިފަދަ ޚިދުމަތެއް ރާއްޖެއިން ފެށުމަކީ ބޮޑު ފައިދާއެއް ލިބިގެންދާނެ މަސައްކަތެއް" ކަމަށެވެ.

ބަންކަރިންގ އަކީ ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތެވެ. ރާއްޖޭގެ ޖިއޮގްރަފިކް ލޮކޭޝަނަށް ބަލާއިރު، މި ޚިދުމަތް ތަރައްޤީކުރުމަކީ ޤައުމުގެ އިޤްތިޞާދަށް ފައިދާކުރާނެ ކަމެއްކަމަށް ބެލެވެއެވެ. މި ޚިދުމަތް ފެށުމާއެކު، ރާއްޖެއަކީ ބައިނަލްއަޤްވާމީ ކަނޑު ދަތުރުފަތުރުގެ ދާއިރާގައި މުހިންމު މަރުކަޒަކަށް ވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

މިއަދު އޮންލައިން