ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގެ ޕްލޭންތަކާ ބެހޭގޮތުން އޭޑީބީއާ މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގެ ޕްލޭންތަކާ ބެހޭގޮތުން އޭޑީބީއާ މަޝްވަރާކޮށްފި

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް އަދި އެ މިނިސްޓްރީގެ އިސް ބޭފުޅުން މިއަދު އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ ސަރުކާރުގެ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް ތަންފީޒުކުރުމުގެ ސްޓްރެޓެޖީއާއި، މާލީ ގޮންޖެހުންތަކާއި، ކުރިއަށްދާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގެ ޕްލޭންތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މީގެ އިތުރުން، މިހާރު ހިނގަމުންދާ މަޝްރޫޢުތަކަށް ލިބިފައިވާ ކުރިއެރުންތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

މިނިސްޓަރގެ އިތުރުން މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ އިބްރާހީމް ތޯއާމް މުޙައްމަދު، ޕަރމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝާމިލް، ޗީފް އެކައުންޓްސް އެގްޒެކެޓިވް ނާޞިރާ މޫސާ، އަދި ޓެކްނިކަލް ޓީމް ބައިވެރިވެވަޑައިގެންނެވިއެވެ. އޭޑީބީގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެގްޒެކެޓިވް ޑިރެކްޓަރ ޑރ. ޖަސްޓިން ޑިއޯކޯ-ސިކަޓް އަދި އެ ބޭފުޅުންގެ ޓީމްވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމަކީ ދިވެހިރާއްޖޭގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އޭޑީބީގެ އެހީތެރިކަން އިތުރަށް ހޯދުމަށާއި، ދެ ފަރާތުގެ ގުޅުން ބަދަހިކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެއް ކަމުގައި ބެލެވެއެވެ. މި ބައްދަލުވުމުން ދިވެހިރާއްޖޭގެ އިންފްރާސްޓްރަކްޗަރ ތަރައްޤީގެ މަޝްރޫޢުތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

 

 

މިއަދު އޮންލައިން