މާލޭގައި ޓެރެސްގާޑަންއާއި ގޯތިތެރޭގައި ގަސް ހައްދާ ފަރާތްތަކުން އެދުނު އެދުމަކަށް އިޖާބަދެއްވައި، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ މިނިސްޓަރ ޑރ. ޢައިޝަތު ރަމީލާ ވަނީ މިއަދު އެ ފަރާތްތަކުގެ މަންދޫބުންނާ ބައްދަލުކުރައްވައިފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ރަމީލާ ވަނީ މާލޭގައި ގަސް ހެއްދުމުގެ މަސައްކަތް ކުރާ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކާ ބެހޭގޮތުން މަޝްވަރާކުރައްވައި، އެ ދަތިތައް އޮޅުންފިލުއްވާފައެވެ. މީގެ އިތުރުން، މިނިސްޓަރ ވަނީ މި ދަތިތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޢުލޫމާތު ދެއްވައި، އުސޫލުތަކުގެ ތެރެއިން ކުރެވެން ހުރި ކަންކަން ބަޔާންކޮށްދެއްވައި، އެކަންކަން ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދެއްވާފައެވެ.
މިނިސްޓަރ ރަމީލާ ވިދާޅުވި ގޮތުގައި، ސަރުކާރުން މި ދާއިރާއަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަން މި ބައްދަލުވުމުގައި އޮޅުންފިލުވައިދެވުނެވެ. އަދި މި ދާއިރާ ތަރައްޤީކުރުމަށް ރައްޔިތުންގެ އަޑުއަހައި، އެ ފަރާތްތަކާ ގުޅިގެން ކަންކަން ހައްލުކުރުމަށް މަސައްކަތްކުރައްވާނެކަން މިނިސްޓަރު ހާމަކުރެއްވިއެވެ.
"މިފަދަ ބައްދަލުވުންތަކުން މި މަސައްކަތް އިތުރަށް ކުރިއަރައި، ގިނަ ބަޔަކު މިކަމުގައި ބައިވެރިވުމަށް ހިތްވަރު ލިބިގެންދާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން," މިނިސްޓަރ ރަމީލާ ވިދާޅުވިއެވެ.
މި ބައްދަލުވުމަކީ މާލޭގައި ގަސް ހައްދާ ފަރާތްތަކުން އެދިގެން ބޭއްވުނު ބައްދަލުވުމެކެވެ. މިފަދަ ބައްދަލުވުންތައް ކުރިއަށް އޮތް ތަނުގައިވެސް ބާއްވަމުން ގެންދިއުމަށް ވަނީ ނިންމާފައެވެ.