މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫގައި ހުރި އައިސް ޕްލާންޓު އަޕްގްރޭޑްކޮށް އަލުން ޚިދުމަތް ދޭން ފަށައިފިއެވެ. މި ޕްލާންޓު އަޕްގްރޭޑްކުރުމާއެކު، މިހާރު ދުވާލަކު 50 ޓަނުގެ ފްލޭކްސް އައިސް އުފެއްދޭނެކަމަށް މިފްކޯއިން މަޢުލޫމާތު ދީފައިވެއެވެ.
މިފްކޯއިން ބުނާ ނާ ގޮތުގައި، މި އައިސް ޕްލާންޓަކީ އެހެން އައިސް ޕްލާންޓުތަކާ ތަފާތު ގޮތަކަށް މަސައްކަތްކުރާ ޕްލާންޓެކެވެ. މި ޕްލާންޓުން އުފައްދާ އައިސް، އަމިއްލައަށް ނަގަން ޖެހުމުގެ ބަދަލުގައި، ޕްލާންޓުގެ އަމިއްލަ ނިޒާމުން އައިސް ބަކެޓަށް އެޅިގެންދާނެއެވެ. މިއީ މަސްވެރިންނަށް ލުއިފަސޭހަކަމެއް ގެނެސްދޭނެ ކަމެއް ކަމުގައި ބެލެވެއެވެ.
ކުރިން މި ޕްލާންޓުގެ ކެޕޭސިޓީ ހުރީ ދުވާލަކު 25 ޓަނުގައެވެ. ނަމަވެސް މިހާރު އެ ކެޕޭސިޓީ ވަނީ ދެގުނަ އިތުރުކޮށް، ދުވާލަކު 50 ޓަނަށް އަޕްގްރޭޑްކޮށްފައެވެ. މިއީ ގައްދޫ އަދި އެ ސަރަޙައްދުގެ މަސްވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.
މިފްކޯގެ ބެލުމުގެ ދަށުން މިހާރު ޖުމްލަ 6 ރަށެއްގައި އައިސް ޕްލާންޓުތައް އޮޕަރޭޓްކުރަމުން ގެންދެއެވެ. އަދި މީގެ އިތުރުން، މިހާތަނަށް ފެނަކަ ކޯޕަރޭޝަންގެ ބެލުމުގެ ދަށުން އޮޕަރޭޓްކުރަމުން އައި 18 އައިސް ޕްލާންޓު ހަވާލުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިފްކޯއިން ދަނީ ކުރަމުންނެވެ.
މި ހުރިހާ މަސައްކަތްތަކަކީވެސް ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށާއި، މަސްވެރިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެއް ކަމުގައި ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ރާއްރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.