ހަތަރުފުރޮޅުލީ އުޅަނދު ޕާކުކުރުމަށް ހުޅުމާލޭގައި އައު ސަރަޙައްދެއް ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ހަތަރުފުރޮޅުލީ އުޅަނދު ޕާކުކުރުމަށް ހުޅުމާލޭގައި އައު ސަރަޙައްދެއް ހަމަޖައްސައިފި

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން އިއްޔެ ހާމަކުރި ގޮތުގައި، ހަތަރުފުރޮޅުލީ އުޅަނދު ޕާކުކުރުމަށް ހުޅުމާލެ ސަހަރާ މިސްކިތް ކުރިމައްޗަށް އޮތް ބިން ހަމަޖައްސައިފިއެވެ. 

މި މަޝްރޫޢާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ކުރިއަށް އޮތް 2 ދުވަހުގެ ތެރޭގައި އެ ބިމުގައި ޕާކްކުރުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ.

މި ބިމަކީ ޖުމްލަ 90،000 އަކަފޫޓުގެ ސަރަޙައްދެކެވެ. މީގެ ތެރެއިން 50،000 އަކަފޫޓް ޚާއްސަކޮށްފައިވަނީ ޓެކްސީތައްފަދަ ހަތަރުފުރޮޅުލީ ވެހިކަލްތަކަށެވެ. އަދި 40،000 އަކަފޫޓްގެ ސަރަޙައްދު ޚާއްސަކޮށްފައިވަނީ ހުޅުމާލެ މަގުތަކުގައި ޤަވައިދާ ޚިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ޓޯ ކުރުމަށްފަހު ގެނެސް ބެހެއްޓުމަށް ކަމަށް ވުޒާރާއިން ހާމަކުރިއެވެ.

"މިތަނަކީވެސް ރައީސް ވަރަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން އެއްކަން. މިތަނަށް އެބައޮތް އެޗްޑީސީގެ ޕްލޭނެއްވެސް. އެ ޕްލޭން އަންނަންދެން މި ތަން ބޭނުންކުރެވޭނެ." ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.

މި މަޝްރޫޢަކީ ހުޅުމާލޭގައި އިތުރަށް ފުޅާވަމުންދާ ދަތުރުފަތުރުގެ ނިޒާމަށް ލުޔެއް ގެނެސްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަޝްރޫޢު ކަމަށް ބެލެވެއެވެ. މި ފިޔަވަޅުން ހުޅުމާލޭގެ މަގުތަކުގައި ދިމާވާ ޕާކިންގގެ ދަތިކަން ކޮންމެވެސް ވަރަކަށް ޙައްލުވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

މިއަދު އޮންލައިން