ރާއްޖެ ތަރައްޤީކުރުމަށް އޮތް މަގަކީ ރައްޔިތުން ބާރުވެރިކުރުވުން ކަމަށާއި
އަދި މި ރާއްޖޭގެ ޑިމޮކްރެޓިކް ވެށި ހަރުދަނާކޮށް ދެމެހެއްޓޭނީވެސް އެމަގަށް ސަރުކާރުގެ މަސައްކަތްތައް މިސްރާބު ކުރެވިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށްފަހު ޤައުމާއި މުޚާޠަބް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި، ޔުނިޓަރީ ދައުލަތެއްގެ ސިފަ ނުގެއްލޭނޭހެން، ރަށުކައުންސިލްތަކާއި އަތޮޅުކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ޤާނޫނީ ބާރުވެރިކަމާއި މާލީ ތަނަވަސްކަން ލިބިދެވެންޖެހޭ ކމަށެވެ. "އިރާދަކުރެއްވިއްޔާ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތަކަކީ ބާރުވެރި، ފުދުންތެރި އިދާރާތަކަކަށް އަޅުގަނޑު ހަދާނަން."
ރައީސް ޞާލިޙް ވިދާޅުވީ ޑިމޮކްރެޓިކް ވެރިކަމެއްގެ އެންމެ މުހިންމު އަސާސަކީ، އެއްވެސް ގިންތިއެއް، އެއްވެސް ފަންތިއެއް އެކަހެރިނުކޮށް، އެންމެހައި ރައްޔިތުންގެ އަޑުއަހައި، ދައުލަތުގެ ކަންކަން ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން ފުރިހަމައަށް އޮތުން ކަމަށެވެ. އަދި މިކަން ކުރެވޭނީ، ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލައި ކުރިއަށްގެންދިއުމުގައި، އެ ސިޔާސަތަކާއި ގުޅޭ މަދަނީ ޖަމާޢަތްތަކުގެ އަޑު، ސަރުކާރާ ހަމައަށް ގެނެވޭނޭ ނިޒާމެއް ޤާއިމުވެފައި އޮވެގެން ކަމަށެވެ.
ރައީސް ޞާލިޙް ވިދާޅުވީ މިއީ މި ސަރުކާރުގެ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ މެންޑޭޓުގައި ހިމެނިފައި އޮންނާނޭކަމެއް ކަމަށެވެ. އަދި މަދަނީ ޖަމާޢަތްތަކާއި ޖަމްޢިއްޔާތައް ބާރުވެރިކުރުވުމަށް ދައުލަތުން ވެދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން އިރާދަކުރެއްވިއްޔާ މި ސަރުކާރުން ފުރިހަމައަށް އެފަރާތްތަކަށް ދޭނެ ކަމަށެވެ.
ރައީސް ޞާލިޙް ވިދާޅުވީ ރާއްޖޭގެ އާބާދީގެ 37 އިންސައްތައަކީ ޒުވާނުން ކަމަށްވުމުން ޒުވާނުންގެ ކުރިމަގު އުޖާލާކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން މި ސަރުކާރުން ކޮށްދޭނެ ކަމަށެވެ. އަދި ޒުވާނުންނަށް ރަނގަޅު ތަޢުލީމާއި، ވަޒީފާގެ ފުރުޞަތުތައް ހޯދައިދީ، މިންތީގެ ހަމަހަމަކަން އިރާދަކުރެއްވިއްޔާ ސަރުކާރުން ޤާއިމުކޮށްދޭނެ ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ ޚާއްޞަ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމަނިކުފާނުގެ ސަރުކާރު އިހުމާލެއް ނުވާނެ ކަމަށެވެ.