އަޒަރުބައިޖާނުގެ އާ ސަފީރު, ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި.

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 24ސ
އަޒަރުބައިޖާނުގެ އާ ސަފީރު, ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި.

އަޒަރުބައިޖާނުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑެޅުއްވި އައު ސަފީރު އެލްޗިން ނަރިމަނޮގްލޫ ހުސޭންލީ، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމްގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައެވެ. އަޒަރުބައިޖާނުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑެޅުއްވި އައު ސަފީރު އެލްޗިން ނަރިމަނޮގްލޫ ހުސޭންލީ، މަޤާމާ ޙަވާލުވެވަޑައިގެން، އިއްޔެ ވަނީ މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަތްފުޅަށް އަރުއްވާފައެވެ. ދިވެހިރާއްޖެގެ ސަފީރުކަމުގެ މަޤާމަށް ޢައްޔަނުކުރެވުނު ކަމަށްޓަކައި، ވަޒީރު ވަނީ ސަފީރު އެލްޗިން ނަރިމަނޮގްލޫ ހުސޭންލީއަށް މަރުޙަބާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު އާދަމް ނަޞީރު އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި އަޒަރުބައިޖާނާ ދެ ޤައުމުގެ ދެމެދުގައި އޮތް ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް ސަގާފީ ދާއިރާއިން ދެ ޤައުމަކީ އެއްގޮތް ކަންތައްތަކެއް ހުރި ދެޤައުމުކަން ފާހަގަ ކުރައްވައި، ސަގާފީ ދާއިރާގައި ކުރިއަށް އޮތް ތަނުގައި ސަގާފީ ދާއިރާގައި އަބަދުވެސް އެކުގައި މަސައްކަތް ކުރެވިދާނެކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ސަގާފަތާއި ތަރިކައިގެ ދާއިރާއިން ދެޤައުމުގެ ގުޅުން ހަރުދަނާވެ ބަދަހިވެގެން ދިއުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމެއްކަމަށް ވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލައްވާފައިވާ ދިވެހި ޤައުމިއްޔަތު މަޝްރޫޢުގެ ތެރެއިން، ތަރިކައިގެ ދާއިރާގައި ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ތަރިކައިގެ ދާއިރާ ޢިލްމީ ގޮތެއްގައި ތަރައްޤީކޮށް އިޢާދަ ކުރުމަކީ އެ މަޝްރުޢޫގެ ދަށުން ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއްކަމަށެވެ. އަދި އެފަދަ ޢިލްމީ މަސައްކަތްތަކުގައި އަޒަރުބައިޖާނުގެ ތަޖުރިބާއާއި ފަންނީ އެހީތެރިކަން ހޯދުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

ސަފީރު އެލްޗިން ނަރިމަނޮގްލޫ ހުސޭންލީ ވަނީ ސަގާފަތާއި ތަރިކައިގެ ދާއިރާގައި އެހީތެރިކަން ހޯއްދެވުމަށް ވަޒީރު އެދިވަޑައިގެންނެވި އެދިވަޑައިގެންނެވުމަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި އެދާއިރާގައި ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ބައްލަވާނެކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ގުޅިގެން މަސައްކަތް ކުރުމަށް ފަހުމުނާމާއެއްގައި ސޮއި ކުރުމަށް ސަފީރު ވަނީ ލަފާފުޅު އަރުއްވާފައެވެ.

ވަޒީރު ވަނީ ދާދިފަހުން އެމަނިކުފާނު އަޒަރުބައިޖާނަށް ކުރެއްވި ދަތުރުފުޅުގައި އެޤައުމުން އަދާކުރެއްވި މެހެމާންދާރީއާއި، ދަތުރުގެ އިންތިޒާމުތަކުގެ ފުރިހަމަކަން ފާހަގަ ކުރައްވައި އެކަމަށްޓަކައި ސަފީރަށާއި އަޒަރުބައިޖާނުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމަށްފަހު، ވަޒީރުގެ އަރިހުގައި ސަފީރު އެލްޗިން ނަރިމަނޮގްލޫ ހުސޭންލީ ވަނީ ކަޅުވަކަރު މިސްކިތާއި ކަޅުއޮށްފުންމީގެ ނަކަލު ބައްލަވާލައްވާފައެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން