ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އުޅަނދުތައް ދޫކުރުމުގެ ގަވާއިދަށް ބަދަލު ގެނެވިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އުޅަނދުތައް ދޫކުރުމުގެ ގަވާއިދަށް ބަދަލު ގެނެވިއްޖެ

އަޑުގަދަކޮށް ދުއްވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އުޅަނދުތައް، އެ އުޅަނދެއްގެ މޮޑިފިކޭޝަން ނުވަތަ ގެނެސްފައިވާ ބަދަލެއް ރަނގަޅުކުރުމުން ނޫނީ އަނބުރާ ދޫނުކުރާގޮތަށް ގަވާއިދަށް އިޞްލާހު ގެނެސްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު އުޅަނދާބެހޭ ގަވާއިދަށް ދެވަނަ އިޞްލާހު ގެނެސްފައިވާ ކަމަށެވެ. މި އިޞްލާހުގައި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓޭނެ މުއްދަތު ތަފްސީލުކޮށް ބަޔާންކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އިޞްލާހު ގެނެވުނު ގަވާއިދުގެ ދަށުން، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން އުޅަނދަކަށް ދީފައިވާ ރަޖިސްޓްރީ ނަންބަރު ފިޔަވައި އެހެން ނަންބަރެއް އުޅަނދުގައި ހަރުކޮށްގެން ދުއްވުމުގެ ސަބަބުން ފުލުހުން ހިފަހައްޓާ އުޅަނދުތައް ދޫކުރާނީ 15 ދުވަހުގެ މުއްދަތެއް ހަމަވުމުންނެވެ. ނަމަވެސް އެ އުޅަނދު ދޫކުރެވޭނީ ދީފައިވާ ރަޖިސްޓްރީ ނަންބަރު ރަނގަޅުކޮށް، އުޅަނދު ރަޖިސްޓްރީ ކޮށްފައިވާ ޒޯނަކަށް އަނބުރާ ގެންދާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ކަށަވަރުކުރުމަށްފަހުއެވެ.

މި އިޞްލާހު ގެނައުމުގެ މަޤްޞަދަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމާއި، ޤާނޫނާ ޚިލާފަށް އުޅަނދުފަހަރު ބޭނުންކުރުން ހުއްޓުވުން ކަމަށް ފުލުހުން ބުނެއެވެ. އަދި މިފަދަ ފިޔަވަޅުތަކުން މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކުރެވޭނެ ކަމަށް ފުލުހުން އުންމީދުކުރާ ކަމަށްވެސް ބުނެފައިވެއެވެ.

މި އިޞްލާހާއެކު، އުޅަނދުފަހަރުގެ ވެރިފަރާތްތަކުން އިތުރަށް ސަމާލުކަން ދީގެން ގަވާއިދުތަކާ އެއްގޮތަށް އުޅަނދުފަހަރު ބޭނުންކުރުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

މިއަދު އޮންލައިން