މިނިސްޓަރ އޮފް ފިނޭންސް ޑރ. މުޙައްމަދު ޝަފީޤް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެގްޒެކެޓިވް ޑިރެކްޓަރ ހާ އެކްސެލެންސީ ޑރ. ޖަސްޓީން ޑިއޮކްނޯ-ސިކާޓް އާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި، ދެ ފަރާތުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ސަރުކާރުގެ މާލީ އިސްލާހުތަކާއި އޭޑީބީ އާއެކު އިތުރަށް ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ބެހޭގޮތުންނެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގައި އޭޑީބީގެ ރެޒިޑެންޓް މިޝަނެއް ގާއިމްކުރުމާ ބެހޭ ގޮތުން ވެސް ދެ ފަރާތުން މަޝްވަރާކުރެއްވިއެވެ.
އޭޑީބީގެ އެގްޒެކެޓިވް ޑިރެކްޓަރ ޑރ. ޖަސްޓީން މިހާރު ވަނީ ދިވެހިރާއްޖެއަށް 3 ދުވަހުގެ ކޮންސަލްޓޭޝަން ޒިޔާރަތެއް ފައްޓަވާފައެވެ. މި ދަތަތުރުފުޅުގައި އެމަނިކުފާނު ގަސްދުކުރައްވަނީ ސަރުކާރުގެ މުހިންމު އިސްވެރިންނާ ބައްދަލުކުރެއްވުމާއި، އޭޑީބީގެ އެހީގައި ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ ސައިޓްތަކަށް ޒިޔާރަތްކުރެއްވުމެވެ.
މި ބައްދަލުވުމަކީ ދިވެހިރާއްޖެއާއި އޭޑީބީ އާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއް ކަމަށް ބެލެވެއެވެ. ޚާއްޞަކޮށް ދިވެހިރާއްޖޭގައި އޭޑީބީގެ ރެޒިޑެންޓް މިޝަނެއް ގާއިމްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެވިފައިވުމަކީ ކުރިއަށް އޮތް ތަނުގައި ދެ ފަރާތުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.