ރައީސް ޑރ.މުޢިއްޒު އިންޑިއާއަށް ވަޑައިގަންނަވަނީ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ރައީސް ޑރ.މުޢިއްޒު އިންޑިއާއަށް ވަޑައިގަންނަވަނީ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަރަށް އަވަހަށް އިންޑިއާއަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މި ދަތުރުފުޅު ކުރެއްވުމަށް އެންމެ ރަނގަޅު ތާރީޚެއް ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

"ދިވެހިރާއްޖެއާއި އިންޑިއާއާއިއެކީގައި މިވަގުތު އެންމެ ރަނގަޅު ތާރީހަކީ ކޮބައިތޯ އެކަމާއި ގުޅޭ މަޝްވަރާތައް ކުރިއަށް މިދަނީ. އެހެންވީމަ އެނގިވަޑައިގަންނަވާނެ ދައުލަތުގެ އެންމެ އިސްވެރިން އެގޮތައް ކުރައްވާ ދަތުރުފުޅުކުރައްވަމުން ގެންދަވަނީ ދެ ޤައުމުގެ އެންމެ އިސްވެރިންނަށް އެންމެ ފަސޭހަ ވަގުތުތަކުގައި. އެކަމާއި ބެހޭ މަޝްވަރާތައް މިހާރު ކުރެވެމުންދާ ވާހަކަދަންނަވާލަން،" ހީނާ ވިދާޅުވިއެވެ.

ދަތުރުފުޅުގެ ތާރީޚު ކަނޑައަޅާނީ ދިވެހިރާއްޖެއާއި އިންޑިއާގެ އިސްވެރިންނަށް އެންމެ ފަސޭހަ ތާރީޚަކަށް ބެލުމަށްފަހުފަހުގައި ކަމަށް ހީނާ އިތުރަށް ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅުގެ މަޤްޞަދާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތެއް ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގާތް ގުޅުމަށް ބަލާއިރު، މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮންނަ އެކުވެރިކަން އިތުރަށް ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ލަފާކުރެވެއެވެ.

މިއަދު އޮންލައިން