އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ހެދުމުގެ މަސައްކަތް މަޖިލީހުގެ އަންނަ ދައުރުގައި ކުރިއަށްދާނެ: ތަރުޖަމާނު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ހެދުމުގެ މަސައްކަތް މަޖިލީހުގެ އަންނަ ދައުރުގައި ކުރިއަށްދާނެ: ތަރުޖަމާނު

އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ހެދުމުގެ މަސައްކަތް މަޖިލީހުގެ އަންނަ ދައުރުގައި ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާނު ހީނާ ވިދާޅުވީ މިހާރު ރައްޔިތުންގެ މަޖިލިސް ވަނީ ޗުއްޓީގައި ކަމަށާއި، ޗުއްޓީއަށްފަހު މަޖިލިސް ފެށިގެންދާއިރު މި މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާނެ ކަމަށެވެ.

"ފަލަސްތީނަކީ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުން ދިރިއުޅެމުން އަންނަ ޤައުމެއް. އެހެންކަމުން ފަލަސްތީނާ ދޭތެރޭގައި އަޅުގަނޑުމެންގެ އޮތް ސްޓޭންޑެއް ބަދަލެއް ނުވޭ. މިހާރު ރައްޔިތުންގެ މަޖިލިސް މިއޮތީ ޗުއްޓީގައި. އިރާދަކުރެއްވިއްޔާ ޗުއްޓީއަށްފަހު މަޖިލިސް ފެށިގެންދާއިރު މި މަސައްކަތްތައް (އިސްރާއީލުގެ ޕާސްޕޯޓް ބޭން ކުރުމުގެ މަސައްކަތް) ވަރަށް ބާރަށް ކުރިއަށްދާނެ،" ތަރުޖަމާނު ވިދާޅުވިއެވެ.

ހީނާ އިތުރަށް ވިދާޅުވީ މި ސަރުކާރަކީ ފަލަސްތީނުގެ މިނިވަންކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރާ އެއް ސަރުކާރު ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ފަލަސްތީނުގެ ރައްޔިތުންގެ ޙައްގުގައި އެކި ޕްލެޓްފޯމްތަކުގައި އެމަނިކުފާނުގެ ޚިޔާލު ފާޅުކުރައްވަމުން ގެންދަވާ ކަމަށެވެ.

އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ ވަނުން މަނާކުރުމަށް ހުށަހެޅުއްވި ބިލު މަޖިލީހުން ބަލައިގަނެ، މިހާރު ވަނީ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވާފައެވެ. އަދި މި ބިލު އެ ކޮމިޓީގައި އަންނަނީ ދިރާސާކުރަމުންނެވެ.

މިއަދު އޮންލައިން