ކައުންސިލުތަކުގެ ބާރުކެނޑޭ ގޮތަށް އެއްވެސް ކަމެއް މި ސަރުކާރުން ނުކުރައްވާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ހދ. ކުމުންދޫ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރުމަށް މިއަދު މި ވުޒާރަގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
"އާބަން ޑިވޮލޮޕްމެންޓް ބިލުގެ ސަބަބުން ކައުންސިލުތަކުގެ ބާރު ކެނޑިގެން ނުދާނެ. މި ސަރުކާރުން ކައުންސިލުތަކުގެ ބާރު ކެނޑޭ ގޮތަށް އެއްވެސް ކަމެއް ނުކުރައްވާނެ" ވަޒީރު އާދަމް ޝަރީފު ވިދާޅުވިއެވެ.
ކުމުންދޫ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރުމަށް ބޭއްވި މި ބައްދަލުވުމުގައި ކުމުންދޫ ކައުންސިލުގެ ރައީސް އަމީން މުޙައްމަދު ފާޅުކުރެއްވި ކަންބޮޑުވުމާ ގުޅިގެން ވަޒީރު ދެއްކެވި ވާހަކަފުޅުގައި އައު ބިލުތައް އެކުލަވައިލެވިގެންދާ އިރު ކަންބޮޑުވުންތަކެއް ހުރެދާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ކައުންސިލުތަކަށް ލޮޅުމެއް އަންނާނެ ކަމެއް މި ސަރުކާރުން ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ވެސް ނުކުރައްވަވާނެ ކަމަށް ވަޒީރުވިދާޅުވިއެވެ.
ކުމުންދޫ ކައުންސިލުން ފާޅުކުރެއްވި ޚިޔާލުތަކަށް، އާބަން ޑިވޮލޮޕްމެންޓްގެ ބިލު އެކުލަވައިލާ އިރު ރިޔާއަތްކުރައްވާނެ ކަމުގެ ޔަޤީންކަން، މި ބައްދަލުވުމުގައި ވަޒީރު ވަނީ ކައުންސިލުގެ މެބްބަރުންނަށް ދެއްވައިފައެވެ.
ކުމުންދޫ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރުމަށް ވަޒީރު ބޭއްވެވި މި ބައްދަލުވުމުގައި ކުމުންދޫ ހިމެނޭ ކުލަސްޓަރގެ އެންމެހައި ބޭފުޅުން ބައިވެރިވެލެއްވިއެވެ
ހަބަރު: ސަރުކާރު