ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރުމަށް ހާއްސަ އޮޕަރޭޝަނެއް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ކުރިއަށް ގެންގޮސްފިއެވެ.
މި އޮޕަރޭޝަންގައި މިއަދު ވަނީ މާލޭގެ ތިން ގެއެއް ބަލައި ފާސްކޮށް، ގަވައިދާ ޚިލާފަށް އުޅޭ 13 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި މި އޮޕަރޭޝަންގައި ގަވައިދާ ޚިލާފަށް ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަނާއި، އާންމު ރައްކާތެރިކަމަށް ބެލުމެއް ނެތި މިފަދަ ފަރާތްތަކުން ދިރިއުޅެމުންދާ ތަންތަން ބަލައި ފާސްކުރުމަށް ހަމަޖެހިފައިވެއެވެ.
އިމިގްރޭޝަނުން އިތުރަށް ވިދާޅުވީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް މިފަދަ ތަންތަން ކުއްޔަށްދީފައިވާ ފަރާތްތަކަށް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ. އިމިގްރޭޝަން ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، ރާއްޖޭގައި ހުރުމުގެ ހުއްދަނެތް އެއްވެސް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބަހައްޓައި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް، ގަވައިދާ ޚީލާފަށް އުޅޭ ބިދޭސީންގެ އެކޮމަޑޭޝަން ހަމަޖައްސައިދޭ ފަރާތްތަކަށް ފިޔަވަޅު އެޅޭނެކަމަށް އެ މުއައްސަސާއިން ވަނީ ހަނދާންކޮށްދީފައެވެ.
މާލެ ސަރަހައްދުގައި ހިމެނޭ މިފަދަ ހުރިހާ އެކޮމޮޑޭޝަންތައް ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަންގެ މަގްސަދަކީ، ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްހަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް، ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި މިފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް ފިޔަވަޅު އެޅުންކަމަށް އެ މުއައްސަސާއިން ވަނީ ބުނ ބުނެފައެވެ.