ރާއްޖޭގެ 5 ސަރަހައްދެއްގައި ސްޕޯޓްސް ފިޝިންގ ހާބަރުތައް ތަރައްގީ ކުރުމަށް މަޝްވަރާކުރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ރާއްޖޭގެ 5 ސަރަހައްދެއްގައި ސްޕޯޓްސް ފިޝިންގ ހާބަރުތައް ތަރައްގީ ކުރުމަށް މަޝްވަރާކުރާކޮށްފި

ރާއްޖޭގެ 5 ސަރަހައްދެއްގައި ސްޕޯޓްސް ފިޝިންގ ހާބަރުތައް ތަރައްގީ ކުރުމާ ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްއާއި ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިޞަލް މަޝްވަރާކުރައްވައިފިއެވެ.

މި މަޝްރޫޢަކީ މަސްވެރިކަން ސިންދަފާތު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަށައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫޢެކެވެ. އަދި މިއީ ދިވެހި ޒުވާނުންގެ މެދުގައި މަޤުބޫލުވަމުން އަންނަ ޙަރަކާތެއް ކަމުގައިވާ ސްޕޯޓްސް ފިޝިންގއަށް މަގުފަހިކޮށްދިނުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.

ހާބަރުތައް ތަރައްގީކުރަން ކަނޑައަޅަން ހުށަހަޅާ 5 ސަރަހައްދުގެ މަޢުލޫމާތު ވަޒީރު ފައިޞަލްއާ ޙިއްސާކުރައްވާފައިވެއެވެ. މީގެ އިތުރުން، ސިނާޢަތެއްގެ ގޮތުގައި މެރިކަލްޗަރ ތަރައްގީކޮށް ރާއްޖޭގައި އުފައްދާ ތަކެތި އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް އިސްކަން ދެއްވާކަންވެސް ވަޒީރު ޝިޔާމް ފާހަގަ ކުރެއްވިއެވެ.

ވަޒީރު ފައިޞަލް ވިދާޅުވީ މި ޕްރޮޖެކްޓް އަވަސްކުރުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ކޮމްޕޯނަންޓަށް ފަންނީ ބޭފުޅުންގެ އެހީތެރިކަން މަސްވެރިކަމާބެހޭ ވުޒާރާއަށް ދެއްވާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ފިޝިންގ ބަނދަރުތަކެއް ގާއިމުކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގެ މަސްވެރިކަމާބެހޭ ޗެޕްޓަރގެ 3.5 ގައި ހިމަނައިފައިވާ ވަޢުދެކެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުން ލިބިގެންދާނެއެވެ.

 

ހަބަރު: ސަރުކާޜު

މިއަދު އޮންލައިން