ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ "އަމާން އުދަރެސް" މަޝްރޫޢުގެ ޓަވަރުތަކުގެ ސްޓްރަކްޗާގެ މަސައްކަތް ނިންމާލައިފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.
މި މަޝްރޫޝްރޫޢާ ގުޅޭގޮތުން އެފްޑީސީގެ ޑިރެކްޓަރ ޙަސަން މާނިޙް އުމަރު ވިދާޅުވީ، މިހާރު ނިމިފައިވަނީ ކޭޕީއައިއެލްގެ 16 ޓަވަރުގެ ސްޓްރަކްޗަރަލް މަސައްކަތް ކަމަށާއި، ދެން ކުރިއަށްދާނީ ފިނިޝިންގ މަސައްކަތްތައް ކަމަށެވެ. އަދި ކުންފުނީގެ ހުރިހާ ވަސީލަތްތަކެއް މިހާރު ބޭނުންކުރެވިގެންދާނީ ފިނިޝިންގ މަސައްކަތްތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ހުރިހާ ރިސޯސްތަކެއް ދެން ބޭނުންކުރެވިގެންދާނީ ފިނިޝިން މަސައްކަތްތަކަށް. އެހެންކަމުން ފިނިޝިން މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސް ހުރިހާ ޔުނިޓްތައް ކަނޑައަޅާފައިވާ ވަގުތަށް ނިންމާ ހަވާލު ކުރެވިގެންދާނެ" ޙަސަން މާނިޙް އުމަރު ވިދާޅުވިއެވެ.
ސަރުކާރުގެ "ގެދޮރުވެރިޔާ" މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެފްޑީސީން އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ކަލްޕަތާރޫ ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އާ ހަވާލުކޮށްގެން އިމާރާތްކުރަމުންދަނީ ޖުމްލަ 4000 ހައުސިންގ ޔުނިޓްގެ 32 ޓަވަރެވެ.
މި މަޝްރޫޢުގެ މަސައްކަތް އަވަސް ދުވެއްޔެއްގައި ކުރިއަށްދާކަމީ ސަރުކާރުގެ ގެދޮރުވެރިކކުރުމުގެ ސިޔާސަތަށް ލިބޭ ބޮޑު ކުރިއެރުމެކެވެ. އަދި މި މަޝްރޫޢު ނިމުމުން، ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.