ޙާފިޡުންގެ ގޮތުގައި ފާސްވާ ހުރިހާ ފަރާތްތަކަށް ޤައުމީ އިނާމް ދިނުމަށް ސަރުކާރުން ނިންމަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ޙާފިޡުންގެ ގޮތުގައި ފާސްވާ ހުރިހާ ފަރާތްތަކަށް ޤައުމީ އިނާމް ދިނުމަށް ސަރުކާރުން ނިންމަވައިފި

ރާއްޖޭގައި ކީރިތި ޤުރްއާން ހިތުދަސްކޮށް ޙާފިޡުންގެ ގޮތުގައި ފާސްވާ ހުރިހާ ފަރާތްތަކަށް ޤައުމީ އިނާމް ދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިކަން މިއަދު އިޢުލާނު ކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ، މީގެ ކުރިން ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ މެޑަލް ދެއްވަމުން އައީ ހަމައެކަނި ކީރިތި ޤުރްއާން ހިތުދަސްކޮށް 1 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް ކަމަށެވެ. ނަމަވެސް މިހާރު ނިންމަވާފައިވަނީ ކޮންމެ ދަރަޖައެއްގައި ޙާފިޡަކު ފާސްވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑަލް ދެއްވާ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ޤައުމީ އިނާމް ޙާފިޡުންނަށް ދޭނީ ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރާ ޖަލްސާގައި ކަމަށް ވަޒީރު ހާާމަކުރެއްވިއެވެ. އަދި ޤައުމީ އިނާމުގެ ގޮތުގައި ޙާފިޡުންނަށް ދެނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ މެޑައްޔެއް ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ޑރ. ޝަހީމް އިތުރަށް ވިދާޅުވީ، ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ހިތްވަރުދީ، ގިނަ ޙާފިޡުން ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމަށެވެ.

މި ނިންމެވުމަކީ ރާއްޖޭގައި އިތުރު ޙާފިޡުން އުފެއްދުމަށް ބާރަކަށް ވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން