މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެކު މަސްވެރިކަމާ ގުޅުންހުރި މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި އެމްޓީސީސީގެ މެނޭޖިންގ ޑައިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސަޢުދީ ބައިވެރިވެ ވަޑައިގެންނެވިއެވެ.
ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، އާރް.އެސް.ޑަބްލިއު ޕްރޮޖެކްޓުގެ ވެންޑަރެއްގެ ގޮތުގައި އެމްޓީސީސީ ރަޖިސްޓަރީވުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެމްޓީސީސީއިން ފޯރުކޮށްދޭ އާފްޓަރ ސޭލްސް ސަރވިސްއާއި ސްޕެއަރ ޕާޓްސް ލިބުމުގެ ޔަގީންކަން މަސްވެރިންނަށް ލިބިގެންދިއުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ދޯނިތަކުގެ އާރް.އެސް.ޑަބްލިއު ނިޒާމަށް ދިމާވާ މައްސަލަތަކަށް އަވަސް ޙައްލެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، އައު ޖީލުގެ އުޅަނދުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގައި އެމްޓީސީސީގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ގދ. ތިނަދޫ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމާ މަސްވެރިންނަށް ޚިދުމަތް ފޯރުކޮށްދޭން ބޭނުންވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ބައްދަލުވުމުގައި، ޔަންމާގެ 50 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްޓީސީސީއިން ޚާއްޞަ ޙަރަކާތެއް ހިންގުމަށް ނިންމާފައިވާ ކަމަށް އަޙްމަދު ސަޢުދީ ވިދާޅުވިއެވެ. މި ޙަރަކާތް މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށާއި، ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވޭ މި ޙަރަކާތުގައި މަސްވެރިންނަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި މަސްވެރިންގެ ފޯރަމެއް ބޭއްވުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަބަރު: ސަރުކާރު