"ފަޒީސް ހިޖާމާ ތެރަޕީ" ލައިސަންސް ލިބެންދެން ޚިދުމަތް ހުއްޓާލަން އަންގައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
"ފަޒީސް ހިޖާމާ ތެރަޕީ" ލައިސަންސް ލިބެންދެން ޚިދުމަތް ހުއްޓާލަން އަންގައިފި

"ފަޒީސް ހިޖާމާ ތެރަޕީ" ރަޖިސްޓްރީކޮށް އޮޕރޭޓިންގ ލައިސަންސް ލިބެންދެން އެތަނުން ދެމުންދާ ހިޖާމާ ފަރުވާގެ ޚިދުމަތް ހުއްޓާލުމަށް އަންގައިފި އެވެ.

މި ޚިދުމަތް ހުއްތާލުމަށް ފަޒީލާ ޢުޘްމާން އަށް މިނިސްޓްރީން އަންގާފައިވަނީ މިނިސްޓްރީއަށް ލިބެމުންދާ ޝަކުވާ އަށް ބަލާ އޭނާއާއި ބައްދަލުކޮށް ރަޖިސްޓްރީކޮށްގެން ހިޖާމާގެ ޚިދުމަތް ދިނުމަށް އެންގުމަށް ފަހުގައެވެ.

"ފަޒީސް ހިޖާމާ ތެރަޕީ" ގެ ނަމުގައި ސޯޝަލް މިޑިއާގައި ޞިއްހީ ޚިދުމަތުގެ ގޮތުގައި ކޮށްފައިވާ އިޝަތިހާރުތަކަކީ ވެސް މިނިސްޓްރީގެ ހުއްދަލިބިގެން މެނުވީ ނުކުރެވޭނެ ކަންކަން ކަމަށްވާތީ އެފަދަ އިޝްތިހާރުތައްވެސް ނެގުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން ސޯޝަލް މިޑިއާގައި ބަލިމީހުންގެ މެޑިކަލް ރިޕޯޓް ތަކުގެ މަޢުލޫމާތަކީ އެންމެ ރައްކާތެރި އަދި ޞައްޙަ މަޢުލޫމާތުކަން ކަށަވަރު ނުވާތީ އެފަދަ ރިޕޯޓްތައްވެސް ސޯޝަލް މީޑިއާއިން ނެގުމަށް ވަނީ އަންގާފައެވެ. ބަލިމީހުންގެ މެޑިކަލް ރެކޮޑްތައް އާއްމުކުރެވޭނީ އެފަދަ ޙާލަތެއްގައި ބަލިމިހާގެ ހުއްދައާއި އެކުގައެވެ.

އަދި ރަޖިސްޓްރީކޮށް އޮޕަރޭޓިންގ ލައިސަންސް ނުނަގައި އެ ޚިދުމަތް ދެމުން ގެންދާނަމަ ޤާނޫނު ނަންބަރު 29/2015 ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު( ގެ 20 ވަނަ މާއްދާގައިވާ ގޮތުގެމަތިން މިނިސްޓްރީއަށް ލިބިގެންދާ ބާރުގެ ދަށުން ކަމާގުޅޭ އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް ފިޒީލާ އަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

ޞިއްޙީ ފަރުވާއެއް ފޯރުކޮށްދިނުމަށް ބޭނުންވާނަމަ ހަމެޖެހިފައިވާ އުސޫލު ގެ ދަށުން ހުށަހަޅުއްވައިގެން އެ ޚިދުމަތަށް ރަޖިސްޓްރީކޮށް އޮޕަރޭޓިންގ ލައިސަންސް ހޯއްދެވުމަށްފަހުގައި ނޫނީ ހިޖާމާގެ ޚިދުމަތް ނުދިނުމަށް 2019 ވަނަ އަހަރުވެސް ފަޒީލާ އަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

މިހާރަކަށް މި ޤާނޫނާއި ޚިލާފަށް އައިސް އޯލްޓަނޓިވް ބޭސްފަރުވާގެ ޚިދުމަތް (ހިޖާމާ ދިވެހި ބޭހުގެ ޚިދުމަތާއިގެ ޚިދުމަތް) ދެމުންދާކަން ފާހަގަ ކުރެވިފައިވާތީ ރަޖިސްޓަރީނުކޮށް، މިފަދަކަންކަން ކުރާފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށް މިނިސްޓްރީން ވަނީ އަންގާ އިއުލާންކޮށްފައެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން