ހުޅުމާލެގެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132 ކޭވީ ހައިވޯލްޓޭޖް ސަބްސްޓޭޝަން ގްރޭޓާމާލެ އިންޓަރކަނެކްޝަން ގުރިޑާ ގުޅުވާލައި، އެ ސަބްސްޓޭޝަން އެނަރޖައިޒް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް 13 ސެޕްޓެމްބަރ 2024 ވާ ހުކުރު ދުވަހުގެ ހެނދުނު 6:00 އިން 7:00 އަށް ކުރުމަށް ހަމަޖެހިފައިވާތީ މި މަސައްކަތްތައް ކުރިއަށްދާ ވަގުތު ހުޅުމާލެއާއި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މި ސަބްސްޓޭޝަންގައި 50 އެމްވީއޭގެ ހައިވޯލްޓޭޖް ދެ ޓްރާންސްފޯމަރާއި، ހައިވޯލްޓޭގް ސުވިޗްގިއަރާއި ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ބަހައްޓާފައިވާ މީޑިއަމް ވޯލްޓޭޖްގެ އައުޓްގޮއިންގ ފީޑަރުތައް ހިމެނޭނެއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދިމާވެފައިވާ ކަރަންޓު ފޯރުކޮށްދިނުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ބަހައްޓާ މި ޓްރާންސްފޯމަރުތަކުގެ ސަބަބުން ހިދުމަތުގެ ޔަގީންކަން އިތުރުވެ، ދެވަނަ ފިޔަވައްސަށް ފޯރުކޮށްދެމުންދާ ހިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.