2022-2023 ވަނަ އަހަރުގެ ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި 441 ދަރިވަރުންނަށް "މަތީ އަރުތަވެރީންގެ އިނާމު" ދީފިއެވެ.
މި އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުނީ ތިން ދަންފަޅިއަކަށް ބަހާލައިގެންނެވެ. މި ރަސްމިއްޔާތުތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މަތީ ސާނަވީ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ޤައުމީ ގަދަ 10 ގައި 376 ދަރިވަރުން ހިމެނުނެވެ. މީގެ އިތުރުން، ސާނަވީ އިމްތިހާނުތަކުން ދުނިޔޭގެ ފެންވަރުގައި މަތީ ވަނަ ހޯދި ދަރިވަރުންނާއެކު ޖުމްލަ 441 ދަރިވަރުން އިނާމު ހާސިލްކުރިއެވެ. ރާއްޖެއާއި ދުނިޔޭގެ ފެންވަރުގެ އެންމެ މަތީ ވަނަތައް ހާސިލްކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
އޭލެވެލް އިމްތިހާނުން 18 ދަރިވަރުން ދުނިޔޭގެ އެންމެ މޮޅު ނަތީޖާ ހާސިލްކުރިއެވެ. އަދި ޤައުމީ ފެންވަރުގެ އެންމެ މަތީ ވަނަ 12 ދަރިވަރުން ހާސިލްކުރިއިރު، އޭލެވެލް ސެޓިފިކެޓް އޮފް އެކްސެލެންސް 27 ދަރިވަރުން ހާސިލްކުރިއެވެ. އޯލެވެލް އިމްތިހާނުން ދުނިޔޭގެ އެންމެ މޮޅު ނަތީޖާ 25 ދަރިވަރުން ހާސިލްކުރިއެވެ. އަދި ރާއްޖޭގެ އެންމެ މަތީ ވަނަ 23 ދަރިވަރުން ހާސިލްކުރިއެވެ.
ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ޕްރައިމަރީ ގްރޭޑްތަކަށް އިތުރު އަހައްމިއްޔަތުކަމެއް ދެއްވާނެ ކަމަށެވެ. އެއީ އޭލެވެލްއާއި އޯލެވެލްއިން ރއިން ރަނގަޅު ނަތީޖާ ހާސިލްކުރެވޭނީ ޕްރައިމަރީ ގްރޭޑްތަކުގެ ނަތީޖާ ރަނގަޅުކުރެވިގެން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.