ޒުހުރީ އާ ވަދީފާއަކީ ވެސް ކައިވެނިކޮށްގެން އުފަލުގައި ދިރިއުޅެމުން އައި ދެމީހުންނެވެ. ޒުހުރީ ވަޒީފާ އަދާކުރަނީ އޮފީހެއްގައެވެ. ވަދީފާއަކީ ފެޝަން ޑިޒައިނަރެކެވެ. އަދި އަމިއްލައަށް ފަހަން ދަންނަ އަންހެނެކެވެ. ވަދީފާގެ އަމިއްލަ ފިހާރައެއް ނެތުމުން ޖެހެނީ ފަހާ ހެދުންތައް ފިހާރަތަކަށް ވިއްކާށެވެ. އެހެންވެ އޭނާއަށް ލިބެނީ ވަރަށް ކުޑަކުޑަ ފައިދާއެކެވެ.
ވަދީފާއަތުން ހެދުން ގަނެއުޅޭ، ފިހާރައެއް ހިންގާ ތަނަވަސް އަންހެނަކާއި ޒުހުރީ އާއި ދެމީހުންގެ މެދުގައި އުފެދުނު އެކުވެރިކަން ލޯތްބަށް ބަދަލުވެ ދެމީހުން ގުޅުނެވެ. އެހިސާބުން ޒުހުރީ ވަދީފާ ވަރިކޮށް ގެއިން ފޮނުވައިލީ އެގޮތަށް އެކަން ނުކުރުން އެދި ވަދީފާ ރޮއިއާދޭސްކުރަމުން ދަނިކޮށެވެ. ޒުހުރީގެ ކުރިމަތީގައި އަނބިމީހާ އޮހޮރި ކަރުނަތަކުގެ އެއްވެސް އަގެއް ނެތެވެ. މުހިންމުވީ ލިބެން އުޅޭ ތަނަވަސް އަނބިމީހާއެވެ.
ވަދީފާ އޭނާގެ އަތުގައި ހުރި މަދުލާރިކޮޅުން ކުއްޔަށް ހިފޭނެވަރުގެ ތަނެއް ހޯދައި 1 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފައި އެތަނުގައި ފެހުމުގެ މަސައްކަތްކުރަންފެށިއެވެ. ވިޔަފާރިއަށްވެސް ބަދަލެއް ގެނައެވެ. ފަހާ ހެދުން ފިހާރަތަކަށް ވިއްކުމުގެ ބަދަލުގައި އޮންލައިންކޮށް އިޝްތިހާރުކޮށްގެން ވިއްކަން ފެށިއެވެ. ފިހާރަތަކަށްވުރެ ހެޔޮއަގުގައި ވިއްކާތީ ވަރަށް އަވަހަށް ވަދީފާގެ ވިޔަފާރި ފުޅައުވެގެންދިއައެވެ.
އެދުވަސްވަރު އޭނާގެ ހެދުންތައް ގަންނަމުންދިއަ ކަސްޓަމަރަކު ވަދީފާ ގާތުގައި ބުނީ އޭނާގެ ބައްޕައަކީ ތަނަވަސްމީހެއް ކަމަށާއި ވަދީފާ ބޭނުންނަމަ ކުޑަ ފެކްޓްރީއެއް ހުޅުވައިދީ މަސައްކަތް ފުޅައުކޮށްދީފާނެ ކަމަށެވެ. އެއްވެސް އިންޓަރެސްޓެއް ބޭނުން ނޫން ކަމަށާއި ފައިދާވާ ވަރަކުން އަނބުރާ ދެއްކުމުން ރަނގަޅުވާނެ ކަމަށެވެ.
އެކުވެރިޔާގެ ހުށަހެޅުން ވަދީފާ ޤަބޫލުކުރިއެވެ. އެކުވެރިޔާގެ އެހީތެރިކަމާއިއެކު 25 ވަރަކަށް މީހުންނަށް މަސައްކަތްކުރެވޭ ވަރުގެ ކުޑަ ފެކްޓްރީއަކާއި ރަނގަޅު ޝޯރޫމެއް ހުޅުވިއެވެ. ނަތީޖާއަކަށްވީ 5 ވަރަކަށް އަހަރުތެރޭގައި ވަދީފާއަކީ ތަނަވަސްކަމުގެ ގޮތުން ފާހަގަކޮށްލެވޭފަދަ އަންހެނަކަށް ބަދަލުވުމެވެ.
އެހިސާބުން ވަދީފާއަށް ފައިސާގެ ގޮތުން އެހީތެރިވެދިން އެކުވެރިޔާގެ ކޮއްކޮ އާއި ކައިވެނިކޮށް ތަނަވަސް ބަފައިބެއެއްގެ ދަރިއަކަށްވެސްވިއެވެ. އުންމީދުވެސް ނުކުރެވޭފަދަ ތަނަވަސް އުފާވެރި ދިރިއުޅުމެއް ލިބުނެވެ.
ދުވަސްކޮޅެއް ފަހުން ނޫހުން ފެނުނީ ކުރީގެ ފިރިމީހާގެ ގެ ވިއްކާލަން އިޝްތިހާރުކޮށްފައި އިންދައެވެ. އިޝްތިހާރުގައި އިން ނަންބަރަށް ގުޅައިލުމުން ނެގީ އަންހެނެކެވެ. ދަންނަ އަޑެއްހެން ހީވެގެން އަހައިލުމުން ބުނީ ގޭގެ ވެރިމީހާގެ ދެވަނަ އަނބިމީހާ ކަމަށެވެ. އެކަމަކު އޭނާއަށް ވަދީފާގެ އަޑު ފާހަގަނުކުރެވުމުން ތިގޭގެ އަޞްލުވެރިމީހާ ކޮބައިތޯ ސުވާލުކުރުމުން ބުނީ މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ދިގުމުއްދަތަކަށް ޖަލަށްލާފައިވާ ކަމަށެވެ.
ވަދީފާ އޭނާގެ ލޯޔަރުން މެދުވެރިކޮށް ކުރީގެ ފިރިމީހާގެ މައްސަލަ އޮޅުންފިލުވިއިރު އޭނާ ޖަލަށްލާފައިވަނީ ފްރޭމްކޮށްގެންނެވެ. އެކަން އެނގުމުން ލޯޔަރުން މެދުވެރިކޮށް އެތައް މަސައްކަތެއްކޮށްގެން ގެވިއްކާލުން ވަގުތީގޮތުން ހުއްޓުވައި ކުރީގެ ފިރިމީހާ ކުށުން ބަރީޢަކުރިއެވެ. އަދި މީހަކު ފްރޭމްކުރި ކަމުގެ ކުށުގައި ދެވަނަ އަނބިމީހާ 10 އަހަރަށްލާން ކޯޓުން ޙުކުމްކުރިއެވެ.
އޭނާއަށް އޭނާ ސަލާމަތްކޮށްދިނީ ކާކުކަން އެނގުމުން ގޮސް ވަދީފާ އާއި ބައްދަލުކުރިއެވެ. ވަދީފާ ބުނީ އެކަންކަން ކުރީ އިންސާނިއްޔަތަށްޓަކައި ކަމަށެވެ. ލޯޔަރުންނަށް ކުރި ޚަރަދުވެސް ބޭނުން ނޫން ކަމަށެވެ. ދެންވެސް ވިސްނުމުގެ ބޭނުންކޮށްގެން ތެދުވެރިކަމާއިއެކު ދުނިޔޭގައި އުޅެން މަސައްކަތްކުރުން ރަނގަޅުވާނެ ކަމަށެވެ. އިތުރު އެއްވެސް ވާހަކައެއް ދައްކަންވެސް އަދި އެއްވެސް ގުޅުމެއް ބާއްވަންވެސް ބޭނުން ނޫން ކަމަށެވެ.
ޒުހުރީ ބުނީ އޭނާއަށް ކަންކަން ވަރަށް ރަނގަޅަށް ވިސްނިއްޖެ ކަމަށާއި މިހާރު ބޭނުންވަނީ ގެ ވިއްކާލާފައި ލިބޭ ފައިސާކޮޅު ހިފައިގެން ފަޤީރު އަވަށަކަށް ގޮސް ކުޑަ ގެއެއް ގަނެގެން މުޅިން ތަފާތު ދިރިއުޅުމެއް އުޅެން ކަމަށެވެ. އެހެން ބުނުމުން އެގެއަކީ ވަދީފާގެ ހަޔާތާއި ވަރަށް ގުޅުންހުރި ގެއަކަށްވުމުން އެގެ ގަތެވެ. ގެ ހެދީ ވަރިކޮށް އެކަނިވެރިވާ އަންހެނުންނަށް އަލުން ދިރިއުޅުމެއް ފެންނަންދެން ހިލޭ ބައިތިއްބާ ގެއަކަށެވެ. އެކަމަށް ޓްރަސްޓް ފަންޑެއް ހުޅުވައި ފަންޑަށް ގެ ހަދިޔާކުރިއެވެ.
މިވާހަކަ ކިޔާފައި އަޅުގަނޑަށް ވަރަށް އަސަރުކުރިއެވެ. އެއީ އަޅުގަނޑުގެ ފުރަތަމަ ފިރިމީހާއަށް ވެސް ހަމަ އެހާލުޖެހުނީތީއެވެ. އޭނާ ޖަލަކަށް ނުލައެވެ. ދެވަނަ އަނބިމީހާއަށް ޚަރަދުކުރަމުންގޮސް ދަރަނިވެރިވެ ދަރަނިތަކުން ސަލާމަތް ނުވެވުމުން ގެވިއްކާލާފައި ލިބުނު ފައިސާއިން ދަރަނި އަދާކޮށްފައި ބާކީހުރި ފައިސާކޮޅު ހިފައި ރަށަކަށް ހިޖުރަކުރީއެވެ.
އަނބިން ރަނގަޅު ގޮތުގައި ތިއްބައި ތަނަވަސްކަން ނުވަތަ ޒުވާންކަމާއި ރީތިކަމުގެ ދަހިވެތިކަމުގައި އަނބިން އެއްލައިލާ މީހުންނަށް މިވާހަކައާއި އަޅުގަނޑުގެ ކުރީގެ ފިރިމީހާއަށް ޖެހުނު ޙާލަކީ ޢިބްރަތަކަށްވާނެ ކަމަށް ހީކުރަމެވެ. އަޅުގަނޑުގެވެސް އުންމީދަކީ މިވާހަކައިން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާއެއް ކުރުމެވެ.
- ނަފީސާ / މިއަދުނޫހުގެ ކިޔުންތެރިއެއް