އަމިއްލަ އެދުމެއް ނެތި ﷲ އަށްޓަކާ މުސްކުޅިއެއްގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރި ޒުވާނަކަށް ފުނިފުންޏަށް ތަނަވަސްކަމާ އުފާވެރިކަން ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 11ސ
އަމިއްލަ އެދުމެއް ނެތި ﷲ އަށްޓަކާ މުސްކުޅިއެއްގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރި ޒުވާނަކަށް ފުނިފުންޏަށް ތަނަވަސްކަމާ އުފާވެރިކަން ލިބުނު ގޮތުގެ ވާހަކަ-

އެއީ އުމުރުން ދުވަސްވީ މީހެކެވެ. އޭނާއަށް ފެންނަނީ ކުޑަކުއްޖަކު އުރައިގެން އަންހެނަކު ދުވާތަނެވެ. އެކުއްޖާ ބިރުން ބާރަށް ރޮޔެވެ. އެހިނގަނީ ބޮޑު ގޯހެއްކަން ވިސްނި މުސްކުޅިމީހާ އެއަންހެން މީހާ ފަހަތުން ދުއްވައިގަތެވެ. ދުވަމުން ގޮސް އޭނާއަށް އަރައިހަމަކުރެވުނީ އަންހެންމީހާ ވޭނަށް އެރި ވަގުތުއެވެ. އެވަރުންވެސް ވޭނުގެ އެތެރެއަށް އެމީހާ ދެމީހާ ދެމިގަނެ ކުއްޖާ އަތުލައިގެން ފޭބިއެވެ. 

އެވަގުތު ވޭނުގައި އިން ޑްރައިވަރު ފައިބައި އެމީހާގެ ބަނޑުކޮޅުގައި ވަރަށް ބާރަށް ޖެހުމުން ވަގުތުން ބިންމައްޗަށް ވެއްޓުނެވެ. އެވަގުތު ވޭން ދުއްވާލަން އުޅުމުން ކުރިމައްޗަށް އަރައި ހުއްޓުވިއެވެ. އެހިސާބުން ފުލުހުން އައިސް ސީނާއި ޙަވާލުވެ ކަންތައްތައް ބެލިއިރު އެމީހުންވީ އެކުއްޖާ ވަގަށްނަގައިގެން ފިލަން މަސައްކަތްކުރާ ބައަކަށެވެ. 

އެއިރުވެސް މުސްކުޅިޔާ އޮތީ ބިންމައްޗަށް ވެއްޓިފައެވެ. އެމީހާގެ ކަންތައް ފުލުހުންގެ ސަމާލުކަމަކަށް ނައުދެއެވެ. ފުލުހުން ދިއަތަނާ ކާރެއްގައި އައުދެވުނު ޒުވާނަކު މަޑުކޮށްފައިފައިބައި އެމީހާ ނަގައި ކާރަށް ލައިގެން ހޮސްޕިޓަލަށް ގެންދަން އުޅެން ފެށީމާ އެމީހާ ބޭނުންވީ ގެއަށްދާށެވެ.   

އެހެންކަމާއިއެކުވެސް އޭނާއަށް ވޭން އަޅަމުންދިއަ ވަރަށް ބަލައި ޒުވާނާ އޭނާ ގެންދިއައީ ހޮސްޕިޓަލަށެވެ. އިމަރޖެންސީއަށް ވެއްދުމުން ބޭރުގައި މަޑުކުރަންބުނީމާ ޒުވާނާއިނީ ބޭރުގައި މަޑުކޮށްގެންނެވެ. އެމީހުން ބުނާހައި ބޭހެއް ދިއައީ ގަނެދެމުންނެވެ. 

ދެގަޑިއިރުފަހުން ޑޮކްޓަރުންގެ ޓީމެއް ބޭރަށް ނުކުތްވަގުތަކީ ހޮސްޕިޓަލުން ގުޅީމާ މުސްކުޅިމީހާގެ އަންހެންދަރިފުޅު އައިސް ހުއްޓުނު ވަގުތެވެ. ޑޮކްޓަރުން ބުނީ ބަލިމީހާ ގެނެވުން ކުޑައިރުކޮޅެއް ލަސްވިނަމަވެސް ފުރާނަ ސަލާމަތްކުރަން އުނދަގޫވީސްކަމުގައެވެ. ވަރަށް ނުރައްކައުތެރި ޙާލަތަކަށް ކަންކަންދާނެ ކަމަށެވެ. އެހެންވެ ހޮސްޕިޓަލަށް ގެންގޮސްދިން ޒުވާނާއަށް ވަރަށް ބޮޑަށް ތަޢްރީފްކުރާ ކަމަށެވެ. 

އެހެންބުނެފައި ޑޮކްޓަރުން އެތެރެއަށް ވަނުމުން ދަރިފުޅު އައިސް ޒުވާނާގެ މައުލޫމާތު އޮޅުންފިލުވިއެވެ. ބައްޕަގެ ފުރާނަ ސަލާމަތްކުރަން އެހައިބޮޑު މަސައްކަތެއްކޮށްދިނީތީ ވަރަށް ބޮޑަށް ޝުކުރު އަދާކުރިއެވެ. ގަނެދިން ބޭސްތަކަށް އަގުއަދާކުރަން އުޅުމުން އެކަމަށް ދެކޮޅުހަދައި ޒުވާނާ ބުނީ އެކަމުގެ ބަދަލު އެދެނީ ﷲ ގެ ޙަޟްރަތުން ކަމަށެވެ. 

ޒުވާނާ އެހިސާބުން އަންހެންކުއްޖާގެ ފޯނު ނަންބަރު ހޯދައިގެން މަސައްކަތަށް ދިއައީއެވެ. ކޮންމެ ދުވަހަކު ދެތިންފަހަރު ގުޅައި ޙާލު އޮޅުންފިލުވިއެވެ. 

4 ވަނަ ދުވަހު ދަރިފުޅު ބުނީ ބައްޕަ ގެއަށް ގެނެވިއްޖެ ކަމަށާއި އެރޭ ކެއުމަށް ގެއަށް އައިސްދިނުމަށް އެދޭކަމަށެވެ. ލިބުނު ދަޢުވަތު ޤަބޫލުކޮށް ޒުވާނާ ދިއުމުން ހޫނު މަރުޙަބާއެއް ދެބަފައިންވެސް ކިޔެވެ. 

ކައިނިމިގެން ބައްޕަ އެދުނީ އެޒުވާނާއަކީ އޭނާގެ ދަރިއަކަށްވުމަށެވެ. "އަހަރެންނަކީ ތަނަވަސްކަންހުރި މީހެއް، ހުރީ މިއަންހެން ދަރިފުޅު އެކަނި. ފިރިހެން ދަރިއަކު ނެތް. ކަލޭކަހަލަ އިންސާނިއްޔަތުކަން ހުރި ޒުވާނަކާއި ދަރިފުޅު ޙަވާލުކުރަން ބޭނުންވަނީ." 

ޒުވާނާ ބުނީ އޭނާއަކީ ކުންފުންޏެއްގައި ވަރަށް ބުރަކޮށް މަސައްކަތްކުރާ މުވައްޒިފެއް ކަމަށެވެ. އެކާރަކީވެސް ކުންފުނީގެ ކާރެއް ކަމަށެވެ. އަދި އޭނާގެ މައިންބަފައިންނަކީ އެއްވެސް ތަނަވަސްކަމެއް ނެތް ފަޤީރު ބައެއް ކަމަށެވެ. 

ބައްޕަ ބުނީ މިހާރު އެހެން ނުބުނުމަށެވެ. އޭނާގެ ތަނަވަސްކަމަކީ ހަމަ ޒުވާނާގެ ވެސް ތަނަވަސްކަން ކަމަށެވެ. ޒުވާނާގެ މައިންބަފައިންގެވެސް ތަނަވަސްކަން ކަމަށެވެ. އެހެން ބުނެފައި ހަފްތާއެއްހައި ދުވަސްތެރޭގައި ދެމީހުންގެ ކައިވެނިކޮށްދީފިއެވެ. 

މިވާހަކައަކީ އަޅުގަނޑު ބެލި ފިލްމެއްގެ ކުރު ޚުލާޞާއެކެވެ. މިވާހަކައިގައި ލޯބީގެ މާބޮޑުކަންތައްގަނޑެއް ހިމެނިފައި ނުވި ނަމަވެސް މިވާހަކައަޅުގަނޑަށް މުހިންމުވީ އިންސާނިއްޔަތަށްޓަކައި އެޒުވާނާ އެކުރި ޚިދުމަތުން އޭނާއަށް ކުރި ފައިދާގެ ސަބަބުންނެވެ. އެނގިގެން މިދިއައީ އަމިއްލަ އެދުމުން އެއްކިބާވެ ހުރެ ﷲ ތަޢާލާގެ އަޅުންނަށް ޚިދުމަތްކުރީމާ ކުރާ ފައިދާއެވެ. ވީމާ މިއަދުނޫހުގެ ކިޔުންތެރިންނަށްވެސް ޢިބްރަތްތެރި ފިލާވަޅަކަށް ވެގެންދާނެ ކަމަށް ހީކުރަމެވެ.

 

- ރަޝީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން