ދެމަފިރިންގެ ދުޢާގެ ކާމިޔާބީ!: ކެންސަރުގެ އެންމެ ފަހުސްޓޭޖްކަމަށްވުމުން ފަރުވާގެ ބޭނުމެއް ނެތްކަމަށް ބުނެ ޑޮކްޓަރުން އަތްދޫކޮށްލި މީހަކު 12 އަހަރުޥީއިރުވެސް ހަމަ ހެޔޮ ޙާލުގަ ދުނިޔޭގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 8ސ
ދެމަފިރިންގެ ދުޢާގެ ކާމިޔާބީ!: ކެންސަރުގެ އެންމެ ފަހުސްޓޭޖްކަމަށްވުމުން ފަރުވާގެ ބޭނުމެއް ނެތްކަމަށް ބުނެ ޑޮކްޓަރުން އަތްދޫކޮށްލި މީހަކު 12 އަހަރުޥީއިރުވެސް ހަމަ ހެޔޮ ޙާލުގަ ދުނިޔޭގަ!

އަޅުގަނޑުމެން ދެމީހުންނަކީވެސް ވަރަށް ލޯބިން އެކުގައި ދިރިއުޅެމުން އައިދެމީހުންނެވެ. ދެވަނަ ދަރިފުޅަށް ބަލިވެ އިނދެ ބަނޑަށް 5 މަހުގައި ފިރިމީހާ އަޅުގަނޑާއިމެދު ފަރުވާކުޑަކުރަން ފެށިއެވެ. ދުލުން ނުބުނި ނަމަވެސް ޢަމަލުން ދައްކަމުން ދިއައީ ވަރިވެގެން އަޅުގަނޑު ދިއުން ރަނގަޅު ކަމަށެވެ. 

އެހެންކަމާއިއެކުވެސް އެކަން ބަލައިގަންނަން ވަރަށް އުނދަގޫވިއެވެ. ކައިވެނީގައި ފާއިތުވެ ދިއަ 5 އަހަރު ދުވަސްތެރޭގައި ފިރިމީހާގެ ކިބައިން ބޭވަފާތެރިވުމުގެ ނުވަތަ އަޅުގަނޑު ނިކަމެތިކުރުމުގެ އެއްވެސް ޢަމަލެއް ފެނިފައި ނެތުމުންނެވެ. އެހެންކަމުން ހިތުގައި ވަރަށް ގިނަ ސުވާލުތައް އުފެދުނެވެ. އެސުވާލުތަކުގެ ޖަވާބު ނުހޯދައި ވަރިވެގެން ދިއުމަކީ ފަސޭހަކަމަކަށް ނުވިއެވެ. 

ލިބުނު ބޮޑު މާޔޫސްކަމާއިއެކުގައިވެސް ވެގެން އުޅޭ ގޮތުގެ ޙަޤީޤަތް އަންގަވައިދެއްވެވުން އެދި ދިއައީ ކެނޑިނޭޅި ދުޢާކުރަމުންނެވެ. އެއިގެ މަހެއްހައި ދުވަސްފަހުން ވެގެންއުޅޭ ގޮތް އެނގުނީ ފިރިމީހާ ފޮރުވައިގެން ގެންގުޅުނު ޑޮކްޓަރުގެ ލިޔުންތަކަކުންނެވެ. ލިޔުންތައް ބުނާގޮތުން ފިރިމީހާއަށް ވަނީ ކެންސަރު ޖެހިފައެވެ. އެންމެ ފަހު ސްޓޭޖްގައެވެ. ވީމާ ގަދަވުމުގެ ފުރުޞަތެއްވެސް ނެތެވެ. އެހެންވެ ފަރުވާ ހޯދަން ފިރިމީހާ ބޭނުމެއް ނުވެއެވެ. 

އެކަން އެނގުމުން ވީގޮތް ބުނެދޭކަށް ނުއެނގުނެވެ. ދެރަވީވަރުން ހާޓްއެޓޭކެއް ނުޖެހުނީވެސް ހަމަކިރިޔާއެވެ. އެހެންކަމާއިއެކުވެސް ހިތްވަރުކުރީމެވެ. ފިރިމީހާ އަށް ގޮވައި ގެނެސް އެނދުގައި ބައިންދާފައި ބުނީމެވެ. "އަހަރެންގެ އަމިއްލަ ފުރާނަ ފަދައިން ލޯބިވާ ފިރިމީހާއެވެ. ލިބިފައިވާ ދަރިފުޅާއި ލިބެން އުޅޭ ދަރިފުޅުގެ ބައްޕާއެވެ. ތިއަ ވިސްނުން މުޅިން ގޯހެވެ. އެއްވެސް މީހެއްގެ ފުރާނަ ދުއްވައިލުމުގެ ބާރު އެއްވެސް ބަޔަކަށް ލިބިގެނެއް ނުވެއެވެ. ޑޮކްޓަރުން ސްޓޭޖްތަކުގެ ވާހަކަ ދައްކާނެއެވެ. ނަމަވެސް ކޮންމެ ކަމެއްގެ ވެސް ސުންގަނޑި ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ އެވެ. ވީމާ ތިއަ ވިސްނުން މުޅިން ބަދަލުކޮށްލާށެވެ. އަވަހަށް ފަރުވާފަށާށެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުން އަޅުކަންކުރުން ގިނަކުރާނީއެވެ. ކޮންމެ ރެއަކު ދަމުނަމާދުކޮށް ހޭލައި ތިބެގެން ދުޢާކުރާނީއެވެ. އިރާދަކުރެއްވެވިއްޔާ ކާމިޔާބުވާނެއެވެ. ދެން އޮތީ ޝިފާ ނުލިބުމެވެ. އެއީވެސް ކާމިޔާބެކެވެ. އެމީހަކަށް ދެރަވާނެ ގޮތެއް ﷲ މިންވަރުނުކުރައްވަވާނެކަން ޔަޤީންކޮށްގެން ހުރީމާ ދުނިޔެ ދޫކުރަންޖެހުންވެސް ވެގެންދާނީ ކާމިޔާބީއަކަށެވެ. މަރުވާނެކަމަށް އަމިއްލައަށް ކަފުންލައިގެން އޮތުމަކީ މުސްލިމުންގެ ގޮތެއް ނޫނެވެ!" 

އަނެއް ދުވަހު ފިރިމީހާ ގޮވައިގެން ޑޮކްޓަރަށް ދިއައީވެސް އަޅުގަނޑެވެ. ޑޮކްޓަރުބުނީ ފަރުވާ ފަށަން މިހާރު މާލަސްވެއްޖެ ކަމަށާއި މިހާރު ފަރުވާ ފެށިނަމަވެސް ކުރާނެއެއްވެސް ފައިދާއެއް ނެތް ކަމަށެވެ. ނުކުމެގެން އައީ ވަރަށް ދެރަވެ ތިބެގެންނެވެ. ގެއަށް އައިސް ބުނީމެވެ. ފަރުވާ ފަށަން ލަސްވީ ޑޮކްޓަރުންނަށެވެ! ﷲ ގެ ޙަޟްރަތުން ކަންކަމަށް އެދެން ލަސްވުމެއް ނުއޮވެއެވެ. ވީމާ ކުރިން ބުނިގޮތަށް ދުޢާކުރުންމަތީގައި ދެމިތިބެމާ ހިނގާށެވެ! 

ބުންނަން ހެއްޔެވެ؟ ބޭހަކީވެސް ހުރިހާ އެއްޗަކީވެސް ދެމީހުން އެކުގައި ތިބެ ކުރަމުން އަންނަ ދުޢާކަން އަހަރެމެން ދެމަފިރިން މިތިބީ ވަރށް ރަނގަޅަށް ތަޖުރިބާކޮށްގެންނެވެ. އެއިރު ބަލިވެއިން ދަރިފުޅަށް 12 އަހަރު ފުރިއްޖެއެވެ. ފިރިމީހާ ގަދަވެ ހެޔޮޙާލުގައި އަހަރެމެންގެ ގާތުގައި އަހަރެމެންނާއިއެކު އަދިވެސް އެބަހުއްޓެވެ. ވަޒީފާވެސް އަދާކުރެއެވެ. އާމްދަނީވެސް ހޯދައެވެ. ހަމައެކަނި މައްސަލައަކީ ތަންކޮޅެއް އަވަހަށް ވަރުބަލިވާކަމެވެ. 

އަހަރެން ދުނިޔޭގެ ހުރިހާ އެންމެންގެ ގާތުގައި ބުނެލަން ބޭނުންވަނީ ޑޮކްޓަރުން އެމީހުންނަށް އެނގޭ މިންވަރުގެ މައްޗަށް ބުނާ ބުނުމަށް 100 އިންސައްތަ ބަރޯސާ ނުވާށެވެ! ދެމަފިރިން އެކުގައި ސާބިތުކަމާއިއެކުގައި ތިބެ ދުޢާކުރަމުން ގެންދާށެވެ. ޑޮކްޓަރުންނަށް ކުރެވޭނެ ކަމެއް ނެތަސް ﷲ ތަޢާލާއީ ކޮންމެ ވަގުތަކު ކޮންމެ ކަމަކަށްވެސް ކުޅަދުންވަންތަ އިލާހްއެވެ. ކެންސަރަސް އެހެން ބައްޔަކަސް ހުރިހާ ބަލިތަކެއްގެ ޝިފާވެސްވަނީ އެކަލާނގެ ޙަޟްރަތުގައެވެ. އެކަލާނގެ ޙަޟްރަތުން އުންމީދުކަނޑައިނުލާށެވެ! 

މިއީ ބޭރު ޤައުމެއްގައި ހިނގާފައިވާ ކަމެއް ނަމަވެސް ހަމަ ކޮންމެ މުސްލިމަކުވެސް ޢިބްރަތް ޙާޞިލުކުރުން މުހިންމު ފިލާވަޅެކެވެ. 

- މިއަދުނޫހުގެ ކިޔުންތެރިއެއް

- ޢިބްރަތްތެރި ވާހަކަ

 

 

މިއަދު އޮންލައިން