އޮކްޓޯބަރު މަސް ނިމުމުގެ ކުރިން މަސްވެރިކަމުގެ ލައިސަންސް ނަގާފައިވާ ދޯނިތަކަށް ދަފުތަރުކޮށް ނިންމުމަކީ އަމާޒެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
މަސްވެރިންގެ ދަފްތަރުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ 16 ވަނަ ދުވަހު ށ. ކޮމަންޑޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިކަމާ ގުޅިގެން ވުޒާރާއިން ބުނެފައިވަނީ ދަފުތަރު ކުރުމުގެ މަސައްކަތް އަވަސްކުރުމަށް ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން މަސްވެރިކަމާ ބެހޭ ވުޒާރާގެ ޓީމުތައް އަންނަނީ މަސައްކަތް ކުރަމުންނެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވުޒާރާގެ ޓީމުތައް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައި. މިދަތުރުގައި މަސްވެރިން ދަފުތަރު ކުރުމުގެ މަސައްކަތާއި، ކެޔޮޅު އެޕްލިކޭޝަނާ ގުޅޭ މައުލޫމާތު މިޓީމުތަކުން ފޯރުކޮށްދޭނެ," ވުޒާރާގެ ބަޔާނެއްގައި ބުނެފައިވެއެވެ.
މިހަފުތާގައި މިޓީމުތައް ޅ، ދ، ލ، ގއ، ގދ، އަދި ސ. އަތޮޅުގައި ހަރަކާތްތެރިވާނެކަމަށާއި އަދި ޚާއްޞަކޮށް މަސްކިރާ ސަރަހައްދުތަކުގައި ކުރިއަށް އޮތް ދުވަސްތަކުގައި ޓީމުތައް މަސައްކަތް ކުރަމުންދާނެކަމަށް ވުޒާރާއިން މައުލޫމާތުދެއްވިއެވެ.
މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ދަފްތަރު އެކުލަވާލުމުގެ މަޤްޞަދަކީ މަސްވެރިންނަށް އަމާޒުކޮށްގެން ދެވޭ އެހީތެރިކަމާއި ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމެވެ.