ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބަންކަރިންގެ ޚިދުމަތަށް ހޯދާފައިވާ ދެވަނަ ބޯޓު "މެރިން ބެއްލާ" މިއަދު ކުޅުދުއްފުށި ސިޓީ ކައިރީގައި ބަނދަރުކޮށްފިއެވެ. މިއީ ރާއްޖޭގައި އޮފްޝޯ ބަންކަރިންގެ ޚިދުމަތް ފެށުމަށްޓަކައި އެސްޓީއޯއިން ގެނެސްފައިވާ ދެވަނަ ބޯޓެވެ.
އެސްޓީއޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ގެނެވޭ ފުރަތަމަ ބޯޓު ބަނދަރުކޮށްފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ. މި ދެ ބޯޓަކީވެސް ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލޭ ބޯޓުތަކެކެވެ.
ބަންކަރިންގެ ޚިދުމަތަކީ ކަނޑު ބޯޓުތަކާއި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތެކެވެ. މި ޚިދުމަތް ރާއްޖޭގައި ފެށުމުން، ރާއްޖޭގެ ސަރަޙައްދުން ދަތުރުކުރާ ބޯޓުފަހަރަށް ތެޔޮ އެޅުމަށް ރާއްޖެއަށް މަޑުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިއީ ރާއްޖެއަށް ރަނގަޅު އާމްދަނީއެއް ލިބޭނެ ޚިދުމަތެއް ކަމަށް ބެލެވެއެވެ.
މި ޚިދުމަތުގެ އޮފީސް އިމާރާތް ޤާއިމުކުރެވޭނީ އުލިގަމުގައެވެ. މިއީ ރާއްޖޭގެ އިޤްތިޞާދަށް އައު ދޮރެއް ހުޅުވިގެންދާނެ މުހިންމު މަޝްރޫޢުއެއް ކަމަށް ސަރުކާރުން ދެކެއެވެ.
މި ޚިދުމަތް ފެށުމާއެކު، ރާއްޖެއަށް ޒިޔާރަތްކުރާ ބޯޓުފަހަރުގެ އަދަދު އިތުރުވެ، އެކި ވިޔަފާރިތަކަށް ކުރިއެރުން ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.