މަކުނުވިދުރީގެ ދެ ކޭސް ރާއްޖެއިން ފެނިފައިވާކަމަށް ބުނެ ފަތުރަމުންދާ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ކޭސްތަކެއް ރާއްޖޭން ފެނިފައިވާކަމަށް ބުނެ އޮންލައިން ނޫހަކުން ލިޔުނު ރިޕޯޓަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވެފައިވަނީ، "ހުކުރު ދުވަހަކީ ހަފްތާގެ އެންމެ މާތް ދުވަސް. ހެޔޮ ކަންކަމަށް ގޮވާލާ އަމަލުތައް ގިނަކުރަން ނަސޭހަތް ލިބިގަންނަންވީ ދުވަސް. މި މާތް ދުވަހުގައިވެސް މި ނޫހުން މި ފަތުރަނީ ރައްޔިތުންގެ މެދުގައި ނުތަނަސްކަން ފަތުރަން ރޯ ބުހުތާނު ދޮގު," މިފަދައިންނެވެ. އަދި މި މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހަޅާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މަކުނުވިދުރިއާ ދެކޮޅަށް ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ރާއްޖެއިން ދުރާލާ އަޅަމުޅަމުން އަންނަކަން ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު، ރާއްޖޭގައި އެމްޕޮކްސްއަށް ޓެސްޓުކުރެވޭނެ އިންތިޒާމު ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާ ގުޅިގެން ހަމަޖައްސާފައިވާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މި ދޮގު ޚަބަރު ފެތުރުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ބޭކާރު ބިރުވެރިކަމެއް އުފެދި، އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ސިއްޙީ ދާއިރާގެ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.