ރާއްޖެއާއި ޗައިނާއިން ފައިސާއިން މުއާމަލާތް ކުރުމަށް އެއްބަސްވުމަކީ ދެގައުމުގެ ލީޑަރޝިޕްގެ މެދުގައި އޮތް އިތުބާރާއި އެއްބާރުލުން ދައްކުވައިދޭ ކަމެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ދިވެހި ސަރުކާރާއި ޗައިނާގެ ޕީޕަލްސް ބޭންކް އޮފް ޗައިނާ، ޕީބީއޯސީއާ ދެމެދ،ު ކަރަންޓް އެކައުންޓް މުޢާމަލާތްތައް ދެ ޤައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމަށް ފަހުމުނާމާއެއްގައި ސޮއިކުރުމާއި ގުޅިގެން ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ މި އެއްބަސްވުމާއެކު ރާއްޖޭގެ އަމިއްލަ އިޤްތިޞާދީ ހަމަޖެހުން އިތުރުކޮށް، ޗައިނާއާއެކު އޮންނަ އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށްޓަކައި ސްޓްރެޓެޖިކް ބާރަކަށް ވެގެންދާނެކަމަށެވެ.
މީގެ އިތުރުން ޗައިނާއާއެކު ވިޔަފާރީގައި ހަރަކާތްތެރިވާ ގިނަ ވިޔަފާރިތަކަކަށް ޑޮލަރަށް ބަރޯސާވުން ކުޑަކޮށް، ދިވެހި ފައިސާއިން ވިޔަފާރީގެ މުއާމަލާތްތައް ފަސޭހަކަމާއެކު ހަމަޖެއްސުމުގެ މަގު ފަހިވެގެންދާނެކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އިޤްތިޞާދީ މަންފާގެ ބޭރުން، މި ފަހުމުނާމާ ރަމްޒުކޮށްދެނީ ޑިޕްލޮމެޓިކް ގުޅުންތައް ބަދަހިކުރުމަށް ދެޤައުމުގެ ދެމެދުގައި އޮތް އަޒުމް ކަމަށެވެ. އަދި މިއީ ރާއްޖެއާއި ޗައިނާގެ ލީޑަރޝިޕްގެ މެދުގައި އޮތް އިތުބާރާއި އެއްބާރުލުން ދައްކުވައިދޭ ކަމެއްކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.