ބަންކަރިންގ ޚިދުމަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވަނީ ނިމިފައިވާކަމަށް އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިކަމާގުޅިގެން ވަޖީހު ވިދާޅުވީ އިހަވަންދިއްޕޮޅުގައި އޯފްޝޯ ބަންކަރިން ފެށުމަށްޓަކައި، ބަންކަރިންގ 2 ބޯޓާއި ޓަގު ބޯޓު އަދި ޕައިލެޓު ބޯޓު އިހަވަން ދިއްޕޮޅަށް ގެންގޮސް ނިމިފައިވާކަމަށެވެ.
މިފަދަ އިންޓަނޭޝަނަލް ޚިދުމަތެއް ދިނުމުގައި ހުންނަންޖެހޭ ޝަރުތު ކަމަށްވާ، އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓު ސެކިއުރިޓީ ގޭޓު (އައިއެސްޕީއެސް ގޭޓު) ވެސް ހއ.އުލިގަމުގައި ގާއިމްކޮށް ނިމިފައިވާކަމަށް ވަޖީހު ވިދާޅުވިއެވެ.
އިމިގްރޭޝަން، ކަސްޓަމްސް އަދި އެމްއެންޑީއެފުން ކުރިއަށްގެންދާ ސެކިއުރިޓީގެ މަސައްކަތްތައް ކުރާނީ މި ގޭޓުގައެވެ.
ބަންކަރިންގ ޚިދުމަތާއެކު އިންޓަރނޭޝަނަލް ކަސްޓަމަރުންނަށް، އިތުރު 14 ޚިދުމަތްތަކެއް އެ ސަރަޙައްދުން ފޯރުކޮށްދޭން ފަށާނެކަމަށާއި ބަންކަރިންގ ޚިދުމަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ނިމިފައިވާކަމަށް ވަޖީހު ވިދާޅުވިއެވެ.