އަޅުގަނޑު އޭނާއާއި ކައިވެނިކުރީ އަޅުގަނޑާއިއެކު ލޯބިން އުފާވެރި ދިރިއުޅުމެއް އުޅޭނެ ކަމުގެ ޔަޤީންކަންދީ އޭނާކުރި އާދޭހަށެވެ. އަދި އޭނާއަކީ ވަރަށް ގިނަ ގޮތްގޮތުން ރަނގަޅު ކަމަށް ފާހަގަކުރެވޭ ސިފަތަކެއްވެސް ހުރި މީހަކަށްވުމުންނެވެ.
ނަމަވެސް ކައިވެންޏަށްފަހު ކަންކަން މެދުވެރިވީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. އެންމެ ރެއަކުވެސް އެކުގައި ރެއެއް ނުކުރިއެވެ. ނިދަނީ ފުރަގަހަށް އެނބުރިއޮވެއެވެ. އެކަމުގެ ޙަޤީޤަތް ހޯދުނީ ވަރަށް ބުރަ މަސައްކަތުން 3 މަސްދުވަސްފަހުންނެވެ. މައްސަލައަކީ އަޅުގަނޑާއި ކައިވެނިކުރިނަމަވެސް ހިތްދީގެން އުޅެނީ އޭނާގެ ފުރަތަމަ ލޯބިވެރިޔާއަށެވެ. އަޅުގަނޑަކީ ނަމެއްގައި ބައިންދަން ހޯދި އަންތބެކެވެ.
ފިރިމީހާ އާއި ތަކުރާރުކޮށް އެކަމުގައި ވާހަކަދެއްކުމުންވެސް ބުނަމުން އައީ ވަގުތުކޮޅެއް ދިނުމަށެވެ. އަދި އަޅުގަނޑަށް ބޭނުންވާނެ ހުރިހާ ކަންކަން ކޮށްދޭއިރު އެހާގިނައިން ޝަކުވާ ނުކުރުމަށެވެ.
ވިސްނައިދެވޭނެ އެއްވެސް ގޮތެއް ނެތުމުން ކާންހަދައިދިނުން ހުއްޓައިލީމެވެ. އަދި ކޮންމެހެން ދައްކަންޖެހޭ ވާހަކައެއް ނޫނީ ދެއްކުން ހުއްޓައިލީމެވެ. އެކަން އޭނާއަށްވީ ވަރަށް ބޮޑުކަމަކަށެވެ. ޝަކުވާކުރުމުން އަޅުގަނޑުވެސް ޖަވާބުގައި ބުނީ ކޮށްދޭންޖެހޭ ހުރިހާ ކަންކަން ކޮށްދީފައި (ކައްކާފައި) ހުންނައިރު އިތުރަށް ޝަކުވާ ނުކުރުމަށެވެ.
އެވަރަކުންވެސް މާބޮޑު ބަދަލެއް ނައެވެ. 5 މަސްފުރުމުން ބުނީމެވެ. "އަހަރެން ކަލެއާއި ކައިވެނިކުރީ ކަލޭގެ އަތުން އެއްޗެތިތަކެއް ބޭނުންވެގެނެއް ނޫނެވެ. މިގެއަށް މިއައީ ގޭގައި ނިދާނެ އެނދެއް ނެތިގެނެއްވެސް ނޫނެވެ. ޙަޔާތުގެ ބައިވެރިއަކަށް ބޭނުންވާތީއެވެ. ޙަޔާތުގެ ބައިވެރިއަކަށް ބައްޕަ ނުހެދޭނެތީއެވެ. ކަލޭ ކޮށްދޭ ކަންކަން ބައްޕަވެސް ކޮށްދެއެވެ. އެއްވެސް ކަމަކަށް ދަތިވެގެން ހުންނާކަށް ނުޖެހެއެވެ. ބުނެލާއިރަށް އެކަމެއް ކޮށްދެއެވެ. ކަލެއާއި ބައްޕައާއި ހުރި ތަފާތެއް ނުފެނުނެވެ. ވީމާ އަނބުރައި ގެއަށް ދިއުމުގެ ހުއްދަދޭށެވެ." އެހެން ބުނުމުންވެސް ބުނީ ވަގުތުކޮޅެއް ދިނުމަށެވެ.
ފިރިމީހާއަށް ފިލާވަޅެއް ދިނުމުގެ ގޮތުން އެކުވެރި ފިރިހެނަކަށް އެއްރޭ ގެއަށް ދައުވަތުދިނީމެވެ. ފިރިމީހާ ގެއަށް އައިއިރު ދެމީހުން ތިބީ ކާށެވެ. އޭނާއަކީ ވަރަށް ސަމާސަ މިޒާޖުގެ މީހެއްކަމުން އިނީ ސަމާސަކޮށްފައި ހޭނށެވެ.
ފިރިމީހާ އައިމަ ކާން ނުގޮވުމުން އޭނާ ޝަކުވާކުރުމުން އަޑުއިވޭވަރަށް ބާރަށް ބުނީމެވެ. "ބައްޕައަށް ކާންހަދައިދޭނީ މަންމަ ނޫންހެއްޔެވެ؟ މިގެއިން ދާން އުޅޭވާހަކަ މިދައްކަނީ އެހެންވެގެން ނޫންހެއްޔެވެ؟" އެހެން ބުނެފައި ސިއްރުސިއްރުން އެއީ ފިރިމީހާ ތަޅުވާލަން ބުނި ސަމާސާ ބަހެއްކަމަށާއި އެބަހާއިމެދު އަޅައިނުލުމަށް ބުނީމެވެ.
ފިރިމީހާ ހެދުން ބަދަލުކޮށްގެން އަންނަންވާއިރަށް އެކުވެރިޔާ ފޮނުވާލައިފީމެވެ. އެހެންވެ ފުރަތަމަވެސް ސުވާލުކުރީ އެއީ ކާކުތޯއެވެ. އެކުވެރިއެއް ކަމަށް ބުނުމުން އިތުރު ސުވާލެއް ނުކުރެއެވެ. ޒާތަކަށް ބަލަހައްޓައިގެން ހުއްޓާ ފޯނު ހިފައިގެން ގޮސް ކޮޓަރިއަށް ވަދެއްޖައީމެވެ.
ފިރިމީހާ އައިއިރު އޮތީ ފޯނާއި ކުޅޭށެވެ. އޭނާއަށް މެސެޖުކުރަނީކަމަށް ޝައްކުކޮށްގެން ބަލަހައްޓައިގެން ހުއްޓެވެ. ކޮންމެއަކަސް އެރޭވީ ދެމީހުންގެ ކައިވެނީގެ ފުރަތަމަ ރެއަށެވެ. ފިރިމީހާގެ ކިބައިން ބޭނުންވި ބަދަލު ފެނުމުން އެރޭ ކަންކަން ހިނގިގޮތް ކިޔައިދިނީމެވެ. އަދި ފޯނު ހުޅުވާފައި އަތަށްދީފައި ބުނީމެވެ. "މިގެއަށް އަންނަން ދައުވަތުދޭން ކުރި ކޯލް ނޫން އެންމެ ކޯލެއްވެސް މެސެޖެއްވެސް ނުކުރަމެވެ. ބަލާނެ ވަރަކަށް ފޯނުބަލާށެވެ. އެކަމަކު މިދެއްކި މަންޒަރަކީ ކުރިން އުޅުނު ގޮތަށް އުޅެންފަށައިފިނަމަ އަހަރެންގެ އުޅުންވެސް ބަދަލުކުރާނެ ކަމެވެ. މިގޭގައި ނުއުޅޭނެކަމެވެ. އަދި ބުނަން ހެއްޔެވެ؟ ހިތް ލޯބިވެރިޔާއަށް ދީފައި ބާއްވައިގެން ކައިވެނިކުރުމަކީ އަންހެނަކަށް ދެވޭނެ އެންމެ ބޮޑުއަނިޔާއެވެ. 5 މަސްވަންދެން ވަރަށް ގިނަ އަނިޔާތައް ވަރަށް ދީފީމުއެވެ. އިތުރަށް އެކަން ތަކުރާރުނުކުރާނެ ކަމަށް ހީކުރަމެވެ."
މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން އޮތީ އެއިގެ ފަހުން ދުވަސްތައް ފާއިތުވަމުން ގޮސް ކައިވެންޏަށް 7 އަހަރުފުރިއްޖެއެވެ. ދެމީހުންގެ މެދުގައި ހުރިހާ ކަމެއްވެސް ހުރީ ވަރަށް ރަނގަޅަށެވެ. ލޯބިވެސްލިބެއެވެ. އަޅައިލުންވެސް ލިބެއެވެ. އެކަމަކު ބުނެލަން ބޭނުންވަނީ ފިރިމީހާ އިޞްލާޙްކުރަން ހަދަންޖެހޭ މިފަދަ ފަންޑިތަތައް ހަދަންވާނެއެވެ. އެކަމަކުވެސް ނަމަނަމަ އިންތަކުން ބޭރުވެގެން ނުވާނެއެވެ.
އަޅުގަނޑަށް ހެދުނު ފަންޑިތަވީ ވަރަށް ކާމިޔާބު ފަންޑިތައަކަށެވެ. އެހެންވެ ޙިއްޞާކޮށްލީއެވެ.
- އަޒޫ / މިއަދުނޫހުގެ ކިޔުންތެރިއެއް