ޢިބްރަތްތެރި ވާހަކަ: މަސައްކަތްކުރަން ގެއަށް ގެނެވޭ އަންހެންކުދިންނާއިމެދު އަނބިމީހާ ސަމާލުނުވެ ތިބެގެންވާކަށް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 36ސ
ޢިބްރަތްތެރި ވާހަކަ: މަސައްކަތްކުރަން ގެއަށް ގެނެވޭ އަންހެންކުދިންނާއިމެދު އަނބިމީހާ ސަމާލުނުވެ ތިބެގެންވާކަށް ނެތް!

މައްސަލައަކީ ބޮޑުވެއްޖެ މައްސަލައެކެވެ. އެއް ސަބަބަކީ ބައެއް އަންހެންކުދިން އެމީހުން ބޭނުންވާ އުފާވެރިކަމުގައި އުޅުމަށްޓަކައި ޢުމުރުން ދުވަސްވީ ފިރިހެނުންނާއި ގުޅޭކަމެވެ. އަނެއް ސަބަބަކީ އަންހެންދަރިން ބޮޑެތިވުމުން ކައިވެނިނުކުރަނީސް އަތުން ދޫކޮށްލެވޭ ކަމެވެ. އެކުއްޖަކު ބޭނުންވާ ގޮތަކަށް އުޅުމުގެ މިނިވަންކަން ދެވޭކަމެވެ. މި 2 ސަބަބަކީވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. 

ހަމައެއާއިއެކު ރާއްޖެތެރެއިން މާލެ އަންނަ ބައެއް އަންހެންކުދިން މާލޭގައި އުޅޭ ގޮތް މައިންބަފައިންނަށް ނުބެލޭކަން އެއީވެސް ވަރަށް ބޮޑު މައްސަލައެކެވެ. 

ތިރީގައިވާ ވާހަކައަކީ މިއަދު ކޮންމެ އަންތބަކުވެސް ވަރަށް ފުންކޮށް ވިސްނަންޖެހިފައިވާ މައްސަލައެއްގެ ވާހަކައެކެވެ. ވިދާޅުވެ ޢިބްރަތް ޙާޞިލުކުރައްވާށެވެ. 

އޭނާގެ ފިރިމީހާ އެއްދުވަހު ގެއަށް އައީ 20 އަހަރުވެސް ނުފުރޭ އަންހެންކުއްޖަކު ގޮވައިގެންނެވެ. އައިސް ބުނީ އެއީ ދަރިފުޅު ބަލައިދީ އަނބިމީހާއަށް އެހީތެރިވެދޭން ގެނައި ކުއްޖެއްކަމަށެވެ. އަދި އޭނާ ގެނައީ އަނބިމީހާ އެފަދަ ކުއްޖަކަށް އެދިފައިވުމުން ކަމަށެވެ. 

އެވަގުތު ފިރިމީހާ ދުރަށް ޖައްސާލުމަށްފަހު އަނބިމީހާ ބުންޏެވެ. "ކުއްޖަކު ބޭނުންވެގެން އަހަރެން އުޅުނީ ދަރިފުޅަށް 2 އަހަރުގައި އޭނާ އާއިއެކު ކުޅޭށެވެ. މިހާރު ދަރިފުޅުގެ އުމުރުން 5 އަހަރެވެ. އަހަރެން ގޭގެ މަސައްކަތްކުރަމުންވެސް ދަރިފުޅާއިއެކު ކުޅެން އިންނަމެވެ. ބިޒީވެއްޖެނަމަ ކުޅޭ އެއްޗެތި ދިނީމާ އެކަނި ކުޅެން އިންނަވަރަށް އޭނާއެވަނީ ބޮޑުވެފައެވެ. ދެން މިހާރު ކީއްކުރާ ކުއްޖެއް ހެއްޔެވެ؟ އަދި ތިއަވަރުގެ ކަމެއް ކުރިއިރު ބުނެލިނަމައެވެ." 

އަނބިމީހާ ކުއްޖަކު ބޭނުންނުވިނަމަވެސް ފިރިމީހާ ކުއްޖަކު ގެނައީތީ ގޭގައި ބެހެއްޓިއެވެ. ހެޔޮ ނިޔަތުގައެވެ. ނަމަވެސް ދުވަސްކޮޅެއްފަހުން އަނބިމިހާއަށް ފެންނަންފެށީ ތަފާތު މަންޒަރުތަކެވެ. ބައެއް ފަހަރު ފިރިމިހާ އާއި ދެމީހުން ވަރަށް ގާތުގައިވެސް ތިބެއެވެ. ސޯފާގައި އެކަކު އަނެކަކުގެ ކޮނޑަށް އަތްވައްތާލައިގެންވެސް ތިބެއެވެ. 

ދުވަސްކޮޅެއް ވަންދެން މަންޒަރުތައް ނުފެންނަ ކަމަށް ހަދައިގެން ހުރެފައި ފިރިމީހާ އާއި ސުވާލުކުރުމުން ބުނީ އެފަދަ ނުބައިކަންބޮޑު ކަމަކަށް އޭނާއާއިމެދު ޝައްކުކުރުމަކީވެސް ކުށެއްކަމަށާއި އެފަދަ ސުވާލެއްވެސް އިތުރަށް ނުކުރުމަށެވެ. 

އަނބިމީހާ އެވަރަކުން ހުއްޓައެއް ނުލިއެވެ. މަސައްކަތްކުރަމުން ދިއައީ އެކުއްޖާއާއި ގާތް ގުޅުމެއް އުފައްދައިގެން ޙަޤީޤަތް އޮޅުންފިލުވުމަށެވެ. އެކަން ކާމިޔާބުވިއެވެ. ފިރިމީހާ އޭނާ އާއި ގުޅުން ބާއްވާ ކަމަށާއި އަނބިމީހާ ގެއިން ފޮނުވައިލާނެ ކަމަށް ބުނެފައިވާކަމަށްވެސް ބުންޏެވެ. 

އެހިސާބުން އަނބިމީހާ ފިޔަވަޅުއެޅިއެވެ. ފިރިމީހާގެ ކުރިމަތީގައި އެކުއްޖާ ލައްވައި ހުރިހާ ވާހަކަތަކެއް ދެއްކުވުމަށްފަހު ވަރިކޮށްފައި ގެއިން ނުކުންނަން ބުންޏެވެ. ގެއަކީ އަނބިމީހާގެ ގެ ކަމަށްވުމުން ފިރިމީހާއަށް ޖެހުނީ އަނބިމީހާ ބުނި ގޮތަށް ކަންތައްކުރާށެވެ. 

ފިރިމީހާ ގެއިން ނުކުމެގެން ދިއުމުން ގެއިން ނުކުންނަން އެކުއްޖާ ގާތުގައި ވެސް ބުންޏެވެ. އެކުއްޖާ ބުނީ މިހާރު އަހަރެމެން ދެމީހުންނަކީ ދެ ރަޙްމަތްތެރިން ކަމުގައި އަހަރެން ގެއިން ނެރެލަނީ ކީއްވެގެން ހެއްޔެވެ؟ ކަލޭގެ ފިރިމީހާ އާއިއެކު މިގެއަށް އަންނަން ޖެހުނީވެސް ދިރިއުޅޭނެ ތަނެއް ނެތުމުން ކަމަށެވެ. އަދި އުމުރުން އެހައިތަފާތު އިރުގައިވެސް އޭނާއާއި ގުޅުން ބޭއްވުނީވެސް ހަމަ އެ ސަބަބަށްޓަކައި ކަމަށެވެ. 

އަނބިމީހާ ބުންޏެވެ. "އަހަރެންގެ އަމިއްލަ ގޭގައި އަހަރެންގެ ބުރަކަށީގައި ވަޅިއަޅަމުންދިއަ އަންހެނަކާއިއެކުގައި ދިރިއުޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ދެން ކައިވެންޏެއް ކުރިޔަސް ކަލޭ ކަންތައްކުރާނެ ގޮތެއް އެނގޭނީ ކިހިނަކުން ހެއްޔެވެ؟ ވީމާ އެންމެ ރަނގަޅު ގޮތަކީ މިގެއިން ދިއުމެވެ. ފިރިމީހާއަށް ގުޅައިގެން އޭނާ އުޅޭތަނެއް ބަލައިގެން އެތަނަކަށް ދިއައިމަ ރަނގަޅުވާނެއެވެ. ހީވަނީ އޭނާ އެދިއައީ އޭނާގެ ގެއަށްހެންނެވެ. އެގެއަށް ކާރުގައި ގެންގޮސްވެސް ދީފާނަމެވެ. އެކަމަކު ހަނދާންކުރައްޗެވެ. އިތުރު ދެމަފިރިއެއްގެ ދެމެދަށް ނަމަނަމަ ނުވަންނާތި އިނގޭއެވެ. އެހެން އަންހެނަކު ނަމަ ކަލެއަށް ދޭނީ ކިހައިވަރެއްގެ އަނިޔާއެއްކަމެއްވެސް ނުއެނގެއެވެ. ވީމާ ދެންވެސް ވިސްނައިގެން އުޅޭށެވެ." 

އެކުއްޖާ ޚިޔާރުކުރީ ގެންގުޅޭނެ މީހަކުވަންދެން މަގުމަތީގައި އުޅޭށެވެ. 

މިއީ އަޅުގަނޑަށް ވިސްނުނު ގޮތުގައި ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. އެއްކަމަކީ ދިރިއުޅެވޭނެ ގޮތެއް ނެތުމުން ޒުވާންކުދިން އުމުރުން ދޮށީ ފިރިހެނުންނާއި ގުޅެމުން އަންނަކަމެވެ. އަނެއްކަމަކީ ނިކަމެތިވެ ޙާލުގައިޖެހިފައިތިބޭ އެފަދަ ކުދިންގެ ނާޖާއިޒު ފައިދާ ފިރިހެނުން ނަގަމުން ގެންދާކަމެވެ. މިއީ ހަމަ އަޅުގަނޑުމެނެގެ ތެރޭގައިވެސް މިހާރު ވަރަށް ބޮޑުވެފައި އޮތް މައްސަލައެކެވެ. އަނބިން ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެކެވެ. 

- ނާޝިދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން