ސްޓެލްކޯއަކުން މީޓަރަށް ނާރާ ވަރަކަށް ބިލެއް ނުކުރާނެ - ބޭނުން ކޮންމެ ފަރާތަކުން ބޭނުންވަރަކަށް ޗެކްކުރައްވާ!: ސްޓެލްކޯ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ސްޓެލްކޯއަކުން މީޓަރަށް ނާރާ ވަރަކަށް ބިލެއް ނުކުރާނެ - ބޭނުން ކޮންމެ ފަރާތަކުން ބޭނުންވަރަކަށް ޗެކްކުރައްވާ!: ސްޓެލްކޯ

ސްޓެލްކޯއަކީ 75 އަހަރުގެ ޚިދުމަތުގެ ދިގު ތާރީޚެއް އޮތް ކުންފުންޏެކެވެ. ކުންފުނީގެ އެހާރާއި މިހާރުގެ މުވައްޒަފުންނާއި ވެރިންގެވެސް އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ އެ މުވައްޒަފުން ކުރަމުންގެންދާ އިޚުލާސްތެރި މަސައްކަތެވެ. އެ މަސައްކަތުގައި ގެންގުޅޭ އަޚްލާޤާއި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ރޫޙަށް މިހާތަނަށް އައިއިރު ވެސް އެއްވެސް ބަދަލެއް އައިސްފައިނުވާކަމީ އެކަމަށްޓަކައި ސްޓެލްކޯ ފަޚުރުވެރިވެ ޝުކުރުވެރިވާ ކަމެކެވެ.

ކަރަންޓު އުފެއްދުމަށާއި ކަރަންޓު ފޯރުވައިދިނުމަށް 24 ގަޑިއިރު މެދު ނުކެނޑި އެ މުވައްޒަފުން ކުރަމުންދާ މަސައްކަތާއި  ކޮންމެ މަހަކު ކަސްޓަމަރުންގެ ގެތަކަށް ގޮސް މީޓަރުތަކުގެ ރީޑިންގ ނަގައި އިޚުލާސްތެރިކަމާއެކު ބިލްތައް ތައްޔާރުކޮށް އެ ބިލްތައް ފޮނުވުމާއި، ބިލަށް ފައިސާ ބަލައިގަނެ، ކަސްޓަމަރުން ބޭނުންވާ ޚިދުމަތްތައް ފޯރުވައިދޭން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަކީ، ހެދިފައިވާ ހަރުދަނާ ޤަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އެ މުވައްޒަފުން ކުރަމުންގެންދާ ވަރަށް ބުރަ އަދި ބޮޑު މަސައްކަތްތަކެވެ.

މި އުސޫލުތަކާއި ޚިލާފަށް ސްޓެލްކޯއިން އަމަލު ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއި އިތުބާރު ރައްޔިތުންނަށް އަރުވަމެވެ. އަދި މިއާ ޚިލާފަށް އަމަލު ކުރަމުންދާކަމަށްބުނެ ބައެއް ފަރާތްތަކުން އަޑު ފަތުރަމުންދާކަމީ ހިތާމަ ހުރި ކަމެކެވެ. އަދި ރައްޔިތުންގެ މެދުގައި އޮތް ކުންފުނީގެ ތަޞައްވުރު ނައްސިވާގޮތަށް މިފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތައް ފެތުރުން ސްޓެލްކޯއިން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރެއެވެ.

ރައްޔިތުން ސްޓެލްކޯއަށް ކުރަމުންދާ އިތުބާރާއި، ޔަޤީންކަން ދެމެހެއްޓުމަށްޓަކައި ކުންފުނީގެ ވެރިންނާއި މުވައްޒަފުން ކުރަމުންދާ އިޚުލާސްތެރި ޚިދުމަތް އެގޮތުގައި ކުރިއަށް އޮތްތާނގައި ވެސް ކުރަމުންގެންދާނެކަމުގެ ޔަޤީންކަން އަރުވަމެވެ. ސްޓެލްކޯގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ވެސް ކުންފުނީގެ ކަސްޓަމަރުންކަމުން އެމުވައްޒަފުންނަކީ ވެސް އެހެނިހެން ކަސްޓަމަރުންނާއި އެއް އުސޫލަކުން ރީޑިންގ ނަގައި އެ ރީޑިންގއަށް ބިލް ކުރެވޭ ބައެކެވެ. ސްޓެލްކޯއިން ކަސްޓަމަރުންނަށް ދޭން ބޭނުންވާ އިތުބާރާއި، ޔަޤީންކަމަކީ އެކުންފުނިން ރީޑިންގ ނެގުމާއި ނުލައި އަދި ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް  ބިލް ނުފޮނުވާނެކަމެވެ. އަދި މި ނޫން އުސޫލަކުން ބިލް ކުރަމުންދޭތޯ ބެއްލެވުމަށް ކަމާއި ގުޅުންހުރި އެންމެހާ މުއައްސަސާތަކަށާއި އެންމެހާ ފަރާތްތަކަށް ދަޢުވަތު އަރުވަމެވެ.

މިއަދު އޮންލައިން