ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ކިޔަވައި މޮޅުވެ ރަނގަޅު ވަޒީފާއެއް ލިބި ބޮޑު މުސާރައެއް ލިބޭނަމަ ތިމާއަކީ އެންމެ ކާމިޔާބު މީހާކަމަށެވެ. އެއްވެސް ޝައްކެއް ނެތެވެ. ތަޢުލީމީ ގޮތުން މަތީ ހަރުފަތްތަކަށް ދެވި ރަނގަޅު ވަޒީފާއެއް ލިބި ބޮޑު މުސާރައެއް ލިބޭނަމަ އެއީ ވަރަށް ބޮޑު ކާމިޔާބީއެކެވެ.
ނަމަވެސް އެވަރަކުން އެއީ ހުރިހާ މޮޅެއް ލިބުމެއް ނޫނެވެ. އެންމެ މުހިންމު ބައި އޮތީއެވެ. އެއީ ޢާއިލީ ދިރިއުޅުމެވެ. ކިތަންމެ މޮޅަށް ކިޔަވައި ކިތަންމެ މަތީ ވަޒީފާއެއް ލިބި އަދި ކިތަންމެ ބޮޑު މުށާރައެއް ލިބުނަސް އެމީހެއްގެ ޢާއިލީ ދިރިއުޅުމުގައި އުފާވެރިކަން ނެތްނަމަ އެމީހަކު އެވަނީ ފޭލްވެފައެވެ.
ބައެއް މީހުންނަށް ވިސްނެނީ މިބުނި ފަދައަކުން ނޫނެވެ. އެހެންވެ މަސައްކަތް ނިންމާފައި ގެއަށް ގޮސްވެސް ހުންނަނީ އޮފީހުގައި ހުރިފަދައިން ރަސްމީވެގެންނެވެ. އެންމެ ކުޑަމިނުން އަނބިދަރިންނަށް ހިނިތުންވެލަންވެސް ބޭނުމެއް ނުވެއެވެ. އަނބިމީހާ އާއި ވާހަކަދައްކާލަން ބޭނުމެއް ނުވެއެވެ. ދަރިންނާއިއެކު ކުޅެލަންވެސް ބޭނުމެއް ނުވެއެވެ.
މިޙާލަތުގައި ފިރިމީހާ ގެއަށް އައުމަކުން އަނބިމީހާއަށް ލިބޭ ހިތްހަމަޖެހުމެއް ނެތެވެ. ބައްޕަ ގެއަށް އައުމަކުން ދަރިންނަށް ލިބޭ އުފާވެރިކަމެއް ނެތެވެ. އަދި ޚުދު ތިމާއަށް ލިބޭ ހިތްހަމަޖެހުމެއްވެސް ނެތެވެ.
މިޙާލަތު މިގޮތަށް މެދުވެރިވަނީ ޢާއިލީ ދިރިއުޅުމާއިމެދު ޢިލްމު ލިބިފައި ނެތުމުންނެވެ. ތިމާގެ ދިރިއުޅުން އުފާވެރިކުރެވޭނެ ގޮތުގެ ޢިލްމު ލިބިފައި ނެތުމުންނެވެ. އެހެންކަމުން މިއީ ވިސްނައިލުން ވަރަށް މުހިންމު ކަންކަމެވެ.
ވަޒީފާއަދާކުރާ ވަޤުތުގައި ވަޒީފާއަށް ސަމާލުކަންދޭފަދައިން ގެއަށް އައުމަށްފަހު ޢާއިލާއަށް ސަމާލުކަންދޭ މީހަކަށް ނޫނީ ޢާއިލީ ދިރިއުޅުމުގެ އުފާވެރިކަމެއް ނުލިބޭނެއެވެ. އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ޢަމަލުކުރާށެވެ. ޞަޙާބީންނާއިއެކު ހޭދަކުރައްވަވާ ވަޤުތުތަކުގައި އަދާކުރެއްވެވި މަސްއޫލިއްޔަތާއި އަނބިކަނބަލުންގެ އަރިއަހަށް އެކަނބަލުންގެ ގަނޑުވަރުކޮޅުތަކަށް ވަޑައިގެން ޢަމަލުފުޅު ކުރެއްވެވި ގޮތް މުޅިން ތަފާތެވެ. ހުރިހާ ސަމާލުކަމެއްވެސް ދެއްވެވީ އެކަނބަލުންނަށެވެ. ގަނޑުވަރުކޮޅުތަކުގެ ކަންކަމަށެވެ. ވީމާ އަހުރެމެންނަށްވެސް ޢަމަލުކުރަން އޮތީ ހަމައެގޮތަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން