ޢިބްރަތްތެރި ވާހަކަ: ކުށެއް ނެތް އަނބިން ވަރިކޮށް ގެއިން ބޭރުކުރުން ގިނަފަހަރަށްވަނީ އަނބިންނަށް ލައްވަވާ ބޮޑު ރަހްމަތަކަށްކަން ތަޖުރިބާކުރެވުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 29ސ
ޢިބްރަތްތެރި ވާހަކަ: ކުށެއް ނެތް އަނބިން ވަރިކޮށް ގެއިން ބޭރުކުރުން ގިނަފަހަރަށްވަނީ އަނބިންނަށް ލައްވަވާ ބޮޑު ރަހްމަތަކަށްކަން ތަޖުރިބާކުރެވުނު އަންހެނެއްގެ ވާހަކަ-

އަޅުގަނޑުމެން ދެމީހުން ކައިވެނިކުރީ ލޯބިވެގެން އެހައި ގިނަ ދުވަހު އެކުގައި އުޅެފައެއް ނޫނެވެ. 2 މަހެއްހައި ދުވަހުގެ ތެރޭގައެވެ. އެއިރު އަޅުގަނޑުގެ ޢުމުރަކީ 24 އަހަރެވެ. ކުރިން މީހަކުދެކެ ލޯބިވެގެން ނުއުޅޭތީއާއިވެސް އެކުގައި އެހައި ގިނަ ކަންކަމެއް ނުވެސް އެނގެއެވެ. މިބުނީ ކައިވެނިކުރަން އުޅޭ މީހާގެކިބައިން ބަލަންޖެހޭނެ ސިފަތައް ފަދަ ކަންކަމެވެ. 

ކައިވެންޏަށް 3 ވަނަ އަހަރު ދަރިއަކު ލިބިއްޖެއެވެ. ދަރިފުޅަށް 4 އަހަރުފުރުނު ދުވަހަކީ ލޯބިވެރިއަކު ހޯދައި އަޅުގަނޑު ވަރިކުރި ދުވަހެވެ. ވަރިކުރީ ވަރިނުކުރުން އެދި އާދޭސްކުރަނިކޮށެވެ. ދެއަންތބަށް ކައިވެނިކުރަން ރުހޭކަމަށްވެސް ބުނަމުން ދަނިކޮށެވެ. އެގޮތަށް އެދެން ޖެހުނީ އަޅުގަނޑުގެ މައިންބަފައިންނަކީ ވަރަށް ފަޤީރު ބައަކަށްވެފައި ގެވެސް ނުހެދިހުރުމުން ގެއަށް ގޮސް ދިރިއުޅޭނެ ތަނެއްވެސް ނެތުމާއިއެކު ދަރިފުޅުގެ ޙައްޤުގައެވެ. 

ވަރިކުރުމަށްފަހު ފޮށްޓަކަށް އެއްޗެތިއަޅައިގެން ހިފައިގެން އައިސް ދޮރުމަތީގައި ބަހައްޓާފައި ނުކުންނާށޭ ބުނީމާވެސް ނުނުކުމެ މަޑުކޮށްލީމެވެ. އެއިރު ވަރަށް ބާރަށް އަޅުގަނޑަށް ރޮވެއެވެ. ކަރުނައިން މޭމަތިހުރީ ފޯވެފައެވެ. 

އެހެން ހުއްޓައި ދަރިފުޅު ދުވެފައި އައިސް ފޮށި ކޮއްޕަން ފަށައިފިއެވެ. ކޮއްޕަމުން ބުންޏެވެ. "މަންމާއެވެ. އަވަހަށް ދަމާހިނގާށެވެ! އަހަރެމެން ބަލާ އެބައާދެއެވެ." އެހެން ބުނުމުން ފިރިމީހާ ދަރިފުޅަށްވެސް ކުރީ ފުރައްސާރައެވެ. ބުންޏެވެ. "އެބުނަނީ ތެދެކެވެ. ދެމައިން ބަލާ ރަސްގެފާނު އެބަވަޑައިގަންނަވައެވެ." 

އެވަގުތު އަޅުގަނޑަށް ވަރަށް އަސަރުކުރިއެވެ. އެއީ އެކުޑަކުޑަ ދަރިފުޅަށް ބުނެވުނު ބަހަކަށްވެސް ފުރައްސާރަކުރީތީއެވެ. އެވަގުތު ވަރަށް ވަރުގަދަ ހިތްވަރެއް ލިބުނެވެ. ލިބުނު ހިތްވަރުގައި ފޮށި ދަމަމުން ގެއިން ނުކުތީމެވެ. 

ނުކުމެ ޓެކްސީއެއްގެ އިންތިޒާރުގައި ހުއްޓާ އައިސް މަޑުކޮށްލީ ޕްރައިވެޓްކާރެކެވެ. ބިއްލޫރި ތިރިކޮށްލާފައި ތަނަކަށްދާން ބޭނުންވެގެންތޯ ސުވާލުކުރުމުން ބޯޖަހައިލީމެވެ. އެމީހާ ކާރުން ފައިބައި ޑިކީ ހުޅުވާފައި ފޮށިނަގާ އަމިއްލައަށް ޑިކީއަށްލާފައި ކާރަށް އަރަންބުނުމުން ދެމައިން ކާރަށް އެރީމެވެ. އެމީހާ ކާރަށް އަރައި އިށީންތަނާ ދަރިފުޅު ސުވާލުކުރިއެވެ. "ބައްޕައެބުނި ރަސްގެފާނަކީ މިބޭބެތޯ؟"އެވެ. 

އެމީހާ ދިއައީ ސިއްސައިގެންނެވެ. ކާރުދުއްވާލާފައި ދާންބޭނުންވާ ތަނެއް އެހުމުގެ ބަދަލުގައި ސުވާލުކުރީ ދަރިފުޅު އެބުނީ ކޮން ވާހަކައެއްތޯއެވެ؟ އެއިރުވެސް ލޮލުން ކަރުނަ އޮހޮރެއެވެ. މޭތެޅެއެވެ. އެހެންކަމާއިއެކުވެސް ކަންކަންވީގޮތް ކިޔައިދިނީމެވެ. ކިޔައިދީ ނިމުމުން އެމީހާ ސަމާސާ ރާގެއްގައި ބުންޏެވެ. "ދަރިފުޅާއެވެ! ބައްޕަ އެބުނި ރަސްގެފާނަކީ މިބޭބެއެވެ. ރަސްކަލެއްގެ ސިފަ ނުޖަހާހެއްޔެވެ؟ ރަސްކަލުން ބޮލުގަ އަޅާ ފަގުޑި ނާޅައި ހުރީމާ ވައްތަރެއް ނޫންދޯއެވެ؟" އެހެންބުނާއިރަށް އަޅުގަނޑަށް ހިނިތުންވެވުނެވެ. އެއިރު އޭނާ ލޯގަނޑުން ބަލަން އިނީމާ ލަދުވެސް ގަތެވެ. 

އިތުރު ސުވާލެއް ނުކޮށް ކާރު ދުއްވަމުން ގޮސް ބުރިބުރިއަށް ހުރި ގެއެއްގެ ކައިރިއަށް މަޑުކޮށްފައި ފައިބަންބުނީމާ ފޭބީއެވެ. އޭނާ ބުނީ ކުޑަކޮށް ހަމައަކަށް އެޅިލަންދެން އިހަށް މިގޭގައި މަޑުކޮށްލަން އައިސްބަލާށެވެ. އެހެންބުނީމާ އެއްބަސްވެވުނީ ކީއްވެގެން ކަމެއް ބުނާކަށް ނުވެސް އެނގެއެވެ. އެއިރުވެސް ހުރެވުނީ ހަމައިގައިކަމެއްވެސް ނުއެނގެއެވެ. އެހައި ބޮޑަށް ހުރީ އަސަރުކޮށްފައެވެ. 

ކޮންމެއަކަސް އޭނާ އަޅުގަނޑުމެން ގެންދިއައީ އެގޭގައި ހުހަށް ހުރި ފްލެޓަކަށެވެ. ގެންގޮސްފައި ބުނީ އެއީ އޭނާގެ ފްލެޓެއް ކަމަށާއި ބޭނުންނަމަ އެތަނުގައި ތިބެވިދާނެ ކަމަށެވެ. އަދި ޢާއިލާގެ މީހުންގެނެސްގެން ގެންގުޅުނަސް މައްސލައެއް ނެތް ކަމަށެވެ. ކެއުމާއި ހުރިހާ ޚަރަދުތަކެއް އޭނާ ބަލަހައްޓައިދޭނެ ކަމަށެވެ. ސަބަބެއް ކަމަށްބުނީ ދަރިފުޅު އޭނާއަށް ދިން ރަސްގެފާނު ކަމުގެ ޝަރަފުކަމަށެވެ. 

ބުނާނެ އެއްޗެއް ނުއެނގި އެތައް އިރެއްވަންދެން އިނުމަށްފަހު އޭނާގެ ހުށަހެޅުން ޤަބޫލުކުރީމެވެ. މަންމަމެން ގެންނަން ބޭނުންކަމަށް ބުނީމާ ބުނީ އެރޭ 8 ޖަހާއިރަށް ތައްޔާރުވެގެން ތިބެން ބުނުމަށާއި ބަލައި ވެހިކަލެއް ފޮނުވައިދޭނެ ކަމަށެވެ. އޭނާ ފްލެޓަށް އައިސް ނުއުޅޭނެ ކަމަށާއި އެއްވެސް ކަމެއް ބޭނުންވެގެން މެސެޖުކޮށްފިނަމަ އެކަމެއް ކޮށްދޭނެ ކަމަށެވެ. އެހެންބުނެފައި ނަންބަރުދީފައި އޭނާ ދިއައީއެވެ. އެއީ 4ކޮޓަރީގެ ފްލެޓެކެވެ. އެރޭ މަންމައާއި ބައްޕައާއި އެންމެ ހަގު ކޮއްކޮ ފްލެޓަށް ގެނެސްފީމެވެ. 

އެމީހާ ފްލެޓަކަށް ނާދެއެވެ. ނަމަވެސް އޭނާ ބުނިގޮތަށް ކަންކަން ކޮށްދިނެވެ. އަޅުގަނޑަކީ ފަޤީރު ދިރިއުޅުމަކަށް އާދަވެފައި އިން އަންހެނަކަށްވާތީ ކަންކަމަކު ނުވެސް ކިޔަމެވެ. އޭނާ ކޮންމެ މަހަކު ފޮނުވާ ފައިސާކޮޅުން ފުއްދައިގެން އިނީއެވެ. ފައިސާ ފޮނުވާއިރު ލާފައި އޮންނަ އުރައިގެ ބޭރުގައި ލިޔެފައި އޮންނަނީ "ރަސްގެފާނުގެ ފަރާތުން" ކަމަށެވެ. 

އެތަނުގައި އިންނަތާ އަހަރުވާން ގާތްވެފައިވަނިކޮށް މެސެޖެއް ކޮށްފައި ބުނީމެވެ. "އެމަހުގެ 14 ވަނަ ދުވަހަކީ ދަރިފުޅުގެ އުފަންދުވަހެވެ. ރަސްގެފާނު ނުފެންނާނަން ހެއްޔެވެ؟" ޖަވާބުގައި ބުނީ އެއިގެ ކުރިން ރަސްކަން ފުރިހަމަކުރަން ބޭނުންވާ ކަމަށެވެ. އެކަމަށް މަޝްވަރާކޮށްލަން އަނެއްރޭ އަންނާނެ ކަމަށެވެ. އެހެންބުނުމުން ސުވާލުތަކެއް އުފެދުނެވެ. ނަމަވެސް އެއްވެސް ސުވާލެއް ނުކުރަމެވެ. 

އަނެއްރޭ 9 ޖަހަނިކޮށް އައިސް މަންމަމެންނާއިއެކު ވާހަކަދައްކަން އިނދެފައި އަޅުގަނޑަށް ގޮވައި ގެންގޮސްފައި ބުނީ ރަސްކަން ދަރިފުޅުދިނުމުން ލިބިފައިވީނަމަވެސް ރަސްކަން ފުރިހަމަވާން އޮތީ ރާނީއަކު ލިބިގެން ކަމަށެވެ. އޭނާ ބުންޏެވެ. "އަހަރެންމެން ދެމަފިރިންނަކީ ވަރަށް ލޯބިން އެކުގައި އުޅުނު ދެމަފިރިންނެވެ. މީގެ 3 އަހަރުކުރިން ކެންސަރުގައި އަނބިމިހާވަނީ ނިޔާވެފައެވެ. 3 ދަރިންވެސް އެބަތިއްބެވެ. އެއިގެފަހުން ކައިވެންޏެއް ނުކުރަމެވެ. އަހަރެންނާއި ބައްދަލުނުވި ނަމަވެސް ފާއިތުވި ދުވަސްތަކުގައި އަހަރެންގެ ގޮތް ވާނީ މިހާރު ރަނގަޅަށް އެނގިފައެވެ. ކަލެއަށްވުރެ އަހަރެން 10 އަހަރު ދޮށިކަންވެސް އެނގެއެވެ. އެހެންކަމާއިއެކުވެސް ކަލޭ ރުހޭނަމަ އަހަރެން މިއެދެނީ ކަލޭގެ ކައިވެންޏަށެވެ. ނުރުހުނަސް ރަސްގެފާނުގެ ފްލެޓަކުން ނުނެރޭނަމެވެ. އެހީވެސްވާނަމެވެ. ވީމާ ފެންނަ އެއްޗެއް ބުނާށެވެ.

އަޅުގަނޑު އެވަގުތު ބެލީ އޭނާގެ ޢުމުރަކަށް ނޫނެވެ. އަދި އޭނާގެ ކިބައިގައި ތަނަވަސްކަން ހުރި މިންވަރެއް އެއިރަކުވެސް ނުއެނގެއެވެ. އެނގޭވަރަކީ އޭނާ ފޯރުކޮށްދެމުން އަންނަ އެހީތެރިކަމެވެ. އަދި އެއީ ވަރަށް ދީލަތި، އަޚްލާޤް ރަނގަޅު މީހެއްކަމެވެ. އެހެން މިބުނަނީ އަހަރުވާން ދިއައިރުވެސް ފޯނުން އަނގައިން ބުނީވެސް އެންމެ 4 ވަރަކަށް ފަހަރަކުއެވެ. އަޅުގަނޑާއި ދަރިފުޅުގެ އަދި މަންމަމެންގެ ޙާލު އަހާލައި އެއްވެސް ކަމަމަކަށް ދަތިވޭތޯ އަހައިލުން ނޫން ކަމެއް ނުކުރެއެވެ. އިތުރު އެއްވެސް ވާހަކައެއްވެސް ނުދައްކާތީއެވެ.

އެހެންވެ އެހުރިހާ ކަންކަމަށް ބަލައި ވަގުތުން ކައިވެންޏަށް އެއްބަސްވީމެވެ. އެއިގެ ފަހުން 3 ވަނައަށް އައިރޭ ކައިވެނިކޮށްފިއެވެ. ކައިވެނިކުރުމަށްފަހު މަންމަމެން ފްލެޓްގައި ބައިތިއްބާފައި އަޅުގަނޑުމެން ދެމައިން ބަދަލުކުރީ އޭނާ ދިރިއުޅޭ ފްލެޓަށެވެ. 

އޭނާ ދިރިއުޅެނީ ޖެހިގެންހުރި ޢިމާރާތުގެ އެންމެ މަތީގައިކަންވެސް އެނގުނީ އެތަނަށް ގެންދިއުމުންނެވެ. އަޅުގަނޑަކީ ދަރިފުޅު ސްކޫލަށް ގެންގޮސް ގެންނަން ނޫން ކަމަކު ބޭރަށް ނުކުންނަ އަންހެނަކަށް ނުވުމުން ބައްދަލުވެސްނުވެ ނުފެނި ދިއައީއެވެ. 

ކައިވެނިކޮށްގެން އަނެއް ދުވަހު ހެނދުނު ބުނީ ދެމައިން އޭނާއާއިއެކު އޮފީހަށްދާން ތައްޔާރުވުމަށެވެ. ތައްޔާރުވުމުން ދިއައީ ގޮވައިގެންނެވެ. އޮފީހަށް ގެންގޮސްފައި ބުނީ އޭނާގެ ކޮޓަރީގައި ހުރި ސޯފާއެއްގައި އިށިނދެ ތިބުމަށެވެ. ކަންކަމުގައި އަންނަ ހުރިހާ މުވައްޒިފުންވެސް ބަލާތީ ވަރަށް ލަދުވެސް ގަތެވެ. ނަމަވެސް އަނގައިން ނުބުނެ ކެތްކޮށްލައިގެން އިނީއެވެ. 

މެންދުރުވާން ގާތްވެފައި ހުއްޓާ ފެނުނީ ކުރީގެ ފިރިމީހާ އައިސް ވަންތަނެވެ. ބައްޕަ ފެނުމުން "ބައްޕާއޭ" ކިޔަމުން ދަރިފުޅު ގޮސް އޭނާގެ ފައިގައި ހިފިއެވެ. އެވަރުންވެސް އަޅައިވެސް ނުލައެވެ. އޭނާ ގެނައި ފައިލުން ގަނޑެއް ދެއްކީމާ ކިޔާލާފައި ފިރިމީހާ ސޮއިކުރީމާ ނުކުންނަމުން އަޅުގަނޑަށް ބަލައިލީމާ އަޅުގަނޑު ޖެހީ އިސްދަށަށެވެ. 

އިރުކޮޅަކުން ބަންގި ގޮވީމާ ފިރިމީހާ ދިއައީ ނަމާދަށެވެ. އެވަގުތު ކުރީގެ ފިރިމީހާ އައިސް ވަނީމާ ނުކުންނަން ބުނީމެވެ. ނުކުންނަން ބުނުމުން އޭނާ ބުނީ ސަލާންޖަހަން އައިސް ތިބޭ އަންހެނުން މުވައްޒިފުންނަށް އަމުރުކުރާކަން ނުއެނގޭކަމަށެވެ. އޭނާ ހީކުރީ އޭނާގެ ވެރިމީހާ ގާތަށް އެހީއަކަށް އެދިގެން އައިސް އިނީ ކަމަށެވެ. އެވަގުތު ފިރިމީހާގެ ސެކެޓްރީ ވަދެ އޭނާ ގާތު ބޮސް ނެތި ކޮޓަރިއަށް ނުވަންނަން ބުނީމާ ރަކިވެފައި ހުރެގެން ނުކުމެއްޖެއެވެ. 

ފިރިމީހާ ނަމާދުން އައިސް ކާން ގެއަށްދަމާ ހިނގާށޭ ކިޔާފައި ނުކުމެ ކާރަށް އަރަންދިއައިރު ކުރީގެ ފިރިމީހާ ބަލަހައްޓައިިގެން ހުއްޓެވެ. ކާރަށް އެރިތަނުން މެސެޖެއްކޮށްފައި ސުވާލުކުރީ މިހާރު ހަށިވިއްކަނީތޯއެވެ؟ އެމެސެޖް ލިބުމުން ވަރަށް ދެރަވިއެވެ. އެހެންވެ މެސެޖް ފިރިމީހާއަށްދެއްކީމާ ބުނީ އަޅައިނުލުމަށެވެ. ކައި ނިމުނުތަނުން މެސެޖެއް ކުރިއެވެ. "މެޑަމްކަން ލިބުނީމާ އަހަރެން ވަޒީފާއިން ވަކިކުރާނީހެއްޔެވެ؟" އެމެސެޖް ދެއްކީމާވެސް ފިރިމީހާ ބުނީ އަޅައިނުލުމަށެވެ. އޮފީހަށް ގޮސް އޭނާގެނެސް ކިޔައިދޭނެ ކަމަށެވެ. 

އެދުވަހަކު ފިރިމީހާ އޮފީހަކަށް ނުދެއެވެ. އަނެއް ދުވަހު އޮފީހަށް ގޮސްފައި ފިރިމީހާ މެސެޖެއް ކުރިއެވެ. "ރަސްގެފާނުގެ ރަނިކަމަނާކަން ކިޔައިދޭން ހުރިހާ މުވައްޒިފުންނަށް ކެއުމެއް ދޭނަން." 

އެކެއުން ބޭއްވީ މާލޭގެ މަޝްހޫރު ހޮޓަލެއްގައެވެ. ކުރީގެ ފިރިމީހާ އިސް އުފުލައި ބަލައިވެސް ނުލައެވެ. އެކައިވެނީގައި މިހާރު 15 އަހަރުވީއެވެ. 2 ދަރިންވެސް ލިބި ބޮޑެތިވަނީއެވެ. އަޅުގަނޑު ބުނާނީ ފިރިމީހާފަދަ ހެޔޮ ފިރިއަކު ވަރަށް މަދުވާނެ ކަމަށެވެ. 

އަޅުގަނޑުގެ މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ ރަނގަޅު ގޮތުގައި ތިބޭ އަނބިން ދެރަކޮށްލައި ނިކަމެތިކުރަން އުޅުނަސް ﷲ ހެޔޮ ރަޙްމަތް ލައްވަވާނެ ކަމަށް ބުނެ އަޅުގަނޑު ފަދައިން ނިކަމެތި ޙާލުގައި ޖެހޭ އަނބިންނަށް ހިތްވަރުދިނުމަށެވެ. އަދި ނުބައި ނުލަފާ ފިރިން އުޅޭފަދައިން ހެޔޮލަފާ މީހުންވެސް މަދުނޫންކަން ހާމަކުރުމަށެވެ. އެހެން ބޭނުމަކު ނޫނެވެ. 

- ނަފީސާ / މިއަދުނޫހުގެ ކިޔުންތެރިއެއް     

 

 

 

މިއަދު އޮންލައިން