ޢިބްރަތްތެރި ވާހަކަ: ކޮއްކޮއާ ކައިވެނިކޮށްގެން އުޅެމުން ދައްތައާއި ގުޅުންހިންގަނިކޮށް ފެނުމުން ކުރި އަސަރު ހަނދާން ނައްތައިނުލެވުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 15ސ
ޢިބްރަތްތެރި ވާހަކަ: ކޮއްކޮއާ ކައިވެނިކޮށްގެން އުޅެމުން ދައްތައާއި ގުޅުންހިންގަނިކޮށް ފެނުމުން ކުރި އަސަރު ހަނދާން ނައްތައިނުލެވުނު އަންހެނެއްގެ ވާހަކަ-

އަޅުގަނޑުގެ ޙަޔާތުގައި ކަންކަން ކުރިމަތިވި ގޮތަށް އެހެން ބައެއް އަންހެނުންނަށްވެސް ކަންކަން ކުރިމަތިވެފައި ހުންނާނެއެވެ. އެހެންކަމާއިއެކުވެސް އަޅުގަނޑަށް ކުރިމަތިވި ކަންކަމުގެ ވާހަކަތައް މިކިޔައިދެނީ އެއަނިޔާތަކުން ހިތުގައި ރޯވި ހުޅުގަނޑު އަދިވެސް ނުނިވި ހަމަ އަނދަމުންދާތީއެވެ. 

އަޅުގަނޑުވެސް ކައިވެނިކުރީ މީހަކުދެކެ ލޯބިވެގެން 3 އަހަރު ހޭދަކުރުމަށްފަހުގައެވެ. ދެމީހުން އެކުގައި ވަރަށް ގިނަ ވަގުތުތައް ހޭދަކުރުމަށްފަހުގައެވެ. 3 އަހަރުވާއިރު ހުންނާނީ އެތައް ސަތޭކަ ގަޑިއިރަކު ވާހަކަވެސް ދެކެވިފައި ނޫންހެއްޔެވެ؟ އެހެންވެ ކައިވެނިކުރީ ދުވަހަކުވެސް ވަކިވާން ނުޖެހޭނެ ކަމުގެ ފޮނި އުންމީދުތަކާއިއެކުގައެވެ.

އަޅުގަނޑުވީ ވަރަށް އަވަސް އަވަހަށް ވިހާ އަންހެނަކަށެވެ. ކައިވެންޏަށް 2 އަހަރުނުވަނީސް ފުރަތަމަ ދަރިފުޅު ލިބިއްޖެއެވެ. 5 އަހަރުފުރުނުއިރު 3 ދަރިން ވަނީ ލިބިފައެވެ. ދަރިން ބަލާނެ އަންހެނަކު ގެންގުޅެމެވެ. އެއިގެ އިތުރުން މަންމަވެސް އެހީތެރިވެދެއެވެ. އެހެންވެ ވަޒީފާއަށް ދަމެވެ. ފިރިމީހާވެސް ވަޒިފާއަދާކުރެއެވެ. ދެމަފިރިންގެ މުސާރަ އެއްކޮށްލުމުން އުފަލުގައި ދިރިއުޅެލެވޭވަރުވެއެވެ. 

ފިރިމީހާ އުޅޭ އުޅުމަކުން އެއްވެސް ތަފާތެއް ނުފެނެއެވެ. އެހެންވެ ހުރެވުނީ ވަރަށް އުފަލުންނެވެ. ވަރަށް އިތުބާރުވެސް ކުރަމެވެ. ދުވަހަކުވެސް އެއްވެސް ކަމަކާއި ގުޅިގެން ބުރަވާނެ ޒާތުގެ ބަހެއްވެސް ނުބުނަމެވެ. ދެމީހުންގެ މެދުގައި ދެބަސްވާންޖެހޭނެ އެއްވެސް ކަމެއްވެސް ކުރިމަތިވެފައެއް ނުވެއެވެ.

ހުރިހާ ކަމެއް ބޮޑު ޠޫފާނަކަށް ބަދަލުވެގެންދިއައީ އެންމެ ރެއަކުންނެވެ. އެރޭ ފެނުނު މަންޒަރާއި ހަމައިންނެވެ. އަޅުގަނޑު މަސައްކަތްކުރާ އޮފީހުން ބަނޑޮހުގައި 3 ދުވަހަށް ކުރިއަށް ގެންދިއަ ބަންދަލުވުންތަކެއްގައި ބައިވެރިވުމަށް 3 ދުވަހަށް ބަނޑޮހަށް ދިއައިމެވެ. ސެޝަންތައް 3 ދުވަހަށް ތާވަލުކޮށްފައި އޮތްނަމަވެސް 2 ދުވަހުން ނިންމައިލެވި ދެވަނަ ދުވަހުގެ ރޭ މެންދަމު މާލެ އާދެވިއްޖެއެވެ. 

ރޫމްތައް ހިފައި ކުރިއަށް ފައިސާދައްކާފައިވުމުންނާއި 2 ދުވަހު ވަރަށް ބުރަކޮށް މަސައްކަތްކުރީތީ 3 ދުވަސް ޗުއްޓީ ދުވަހެއްގެ ގޮތުގައި ހޭދަކޮށްލަން ލިބުނު ފުރުޞަތު އަޅުގަނޑު ދޫކޮށްލީ ފިރިމީހާ ޢާއި ދަރިންނާއި ވަކިން ހިނދުކޮޅަކުވެސް ހުންނަން ބޭނުންނުވާތީއެވެ. ގިނަކުދިން މަޑުކުރީއެވެ. އަޅުގަނޑާއިއެކު މާލެއައީ މަދުކުއްޖެކެވެ. 

ގެއަށް ގޮސް ކޮޓަރި ހުޅުވައިލުމުން ފިރިމީހާ އާއި އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ދައްތައަށް ލިބުނު ސިހުމާއިއެކު އެނދުން ފުންމައިގެން ތެދުވެވުނެވެ. ލަދުގަންނަންވެސް ނުއެނގުނީ ލިބުނު ސިހުން ބޮޑުކަމުން ކަމަށްވެދާނެއެވެ. ތިބީ އެފަދަ ޙާލުގައެވެ. އަޅުގަނޑަށްވެސް "އަމައްޔާތް" އޭ ގޮވައި ބާރަށް ހަޅޭލައްވައިގަނެވުނެވެ. އަޑުގަދަކަމުން ދަރިފުޅާ ކިހިނެއްވީހޭ ގޮވަމުން މަންމައާއި ގޭގެ އެންމެންހެން އަތުވެއްޖެއެވެ. އަޅުގަނޑަށް ހުއްޓުން އަރާފައި ހުރެވުނީއެވެ. ރޮވެންވެސް ފެށީ މަންމަ އައުމުންނެވެ. 

އެރޭ އަޅުގަނޑު ކޮޓަރިއަކަށް ނުވަންނަމެވެ. ނިދީ މަންމަ އާއި އެއް އެނދުގައެވެ. ނިދުނީވެސް މަންމަ ވަރަށް ގިނަ ނަޞޭޙަތްދިނުމުން ފަތިސްވާން ކައިރިވެފައި ހުއްޓައެވެ. އެހާ ލަހުން ނިދުނު ނަމަވެސް ހެނދުނު ޢާންމުކޮށް ހޭލާ ގަޑީގައި ހޭލެވުނެވެ. އެދުވަހު އޮފީހަކަށްވެސް ނުދަމެވެ. ގޭގައި ހުރީއެވެ. ފިރިމީހާ ވެސް އޮފީހަކަށް ނުދެއެވެ. ކޮޓަރިން ނުކުތީ މެންދުރުވީފަހުންނެވެ. 

ނުކުމެ ސައިބޯން އިށީނީމާ ވަރަށް ހިތްވަރުކޮށްފައި ގޮސް ބުނީމެވެ. ސައިބޮއިގެން މިގެއިން ކަލޭދާށެވެ. އަހަރެންވެސް މިގެއިން މިދަނީއެވެ. 

އެއިރު ހުރީ ބޭބެ އާއި ވާހަކަދައްކައިގެން އެގެއަށް ބަދަލުވާން ނިންމައިގެންނެވެ. އެއީ ދައްތައާއި ކުރިމަތިލާން ބޭނުންނުވާތީއެވެ. މާދަމާ މަންމަ ނިޔާވި ނަމަވެސް މަންމަގެ މަޤާމަށް އަންނަންހުރި މީހާކަމަށްވާތީ ޒުވާބުނުކުރަންވެގެންނެވެ. އެހެންވެ އަޅުގަނޑު 3 ކުދިން ގޮވައިގެން ގެއިން ނުކުމެގެން ދިއައީއެވެ. 2،3 ދުވަސްވެ ހަމައަކަށް އެޅިލުމުން ކޯޓަށް ގޮސް ވަރިވީއެވެ. 

ވަރިވިތާ 7 ވަނަ މަހު ދެވަނަ ކައިވެނިކޮށް ފިރިމީހާގެ ގެއަށް ބަދަލުވެއްޖައިމެވެ. ދެވަނަ ދިރިއުޅުމުގައި މިހާރުވެސް 12 އަހަރުވެއްޖެއެވެ. ﷲ ގެ ރަޙްމަތާއިއެކު ދިރިއުޅެމުން މިއަންނަނީ ހަމަ ވަރަށް އުފަލުގައެވެ. ދެމަފިރިއަކަށް ދިރިއުޅެވޭނެ އެންމެ އުފަލުގައެވެ. ދެމަފިރިންގެ މެދުގައި އެއްވެސް ކަހަލަ ދެބަސްވުމެއް ނެތިއެވެ. އެހައިބޮޑު ތަނަވަސްކަމެއްގައި ނޫންނަމަވެސް ބޭނުންތައްވެސް ފުދިގެންނެވެ. 

މިއަދާއި ހަމައަށް އައިއިރުވެސް ޙައްލުނުކުރެވި އޮތް ކަމަކީ އަޅުގަނޑުގެ ކުރީގެ ފިރިމީހާ އާއި ދައްތަގެ ކިބައިން އެރޭ ފެނުނު ކަންކަމެވެ. ވަރިވި ދުވަހު އަޅުގަނޑު އެދެމީހުންނަށްވެސް މާފުކޮށްފީމެވެ. އެކަންކަމުގެ އެއްވެސް ވާހަކައެއްވެސް ނުދައްކަމެވެ. ޝަކުވާއެއްވެސް ނުކުރަމެވެ. ވަރިކުރި ފަހުން ފިރިމީހާ އާއި ބައްދަލުވީ ހައަކަ ފަހަރުއެވެ. ނަމަވެސް ދައްތައާއި ބައްދަލުވެއެވެ. ވާހަކަވެސް ދައްކަމެވެ. ނަމަވެސް އަދިވެސް އަޅުގަނޑުގެ ހިތުގައި ރޯވި ހުޅުގަނޑު ނިވިގެނެއް ނުދެއެވެ. ދައްތަ ފެނުނަސް ހުޅުގަނޑު ހަމަ ބާރަށް އަނދައިގަނެއެވެ. އަދި އެހަނދާން އައުވިނަމަވެސް ލޭކެކިކެންދެއެވެ. އިރުކޮޅެއްފަހުން ވަރަށް ދެރަވެސްވެއެވެ. 

އެއީ މަންމަގެ މަޤާމަށް އަންނަން ހުރި އެއްބަނޑު އެއްބަފާ ދައްތައާއި ނުހަނު ލޯބިވާ ފިރިމީހާގެ ކިބައިން އެފަދަ ކަމެއް ފެނުނީތީއެވެ. ދެމީހުން އެކުގައި އަޅުގަނޑަށް ގެއްލުނީތީއެވެ. ޙަޔާތުގައި އަޅުގަނޑު އުފުލަން ތިބި ދެމީހުން އަޅުގަނޑު އަނދަވަޅަކަށް ވައްޓައިލީތީއެވެ. ހަނދާނުން ފިލުވައިލަން އެންމެ ބޮޑަށް އުނދަގޫވަނީ އެގުޅުން 2، 3 އަހަރު ކުރިއަށް ގެންގޮސްފައިވާކަން އެނގުނީތީއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ މިބާވަތުގެ އަނިޔާ ނުދޭށެވެ. މިއީ ވަރަށް ބޮޑު އަނިޔާއެކެވެ. ފިރިއަކު ބޭވަފާތެރިވުމާއި ފިރިމީހާ އާއި ދައްތަ ނުވަތަ ކޮއްކޮއަކާއި ގުޅުން ހިންގުމާއި މިއީ ވަރަށް ތަފާތު ދެކަމެކެވެ. މިފަދަ ކަމެއް ކުރިމަތިވުމުން ލިބޭ ހިތްދަތިކަން އިޙްޞާޞްކުރެވޭނީ ހަމަ އެބާވަތުގެ ކަމެއް ކުރިމަތިވުމުންނެވެ. 

- އިޙްޞާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން