މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 73.8 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.
މީރާއިން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 9.8 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 67.1 މިލިޔަން ރުފިޔާއެވެ.
މިއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނަ އަދަދެއް ލިބިފައިވަނީ ޖުލައި މަހުއެވެ. އެ މަހު 15.5 މިލިޔަން ރުފިޔާ ލިބިފައިވާއިރު، އޮގަސްޓު މަހު ލިބިފައިވަނީ 8.5 މިލިޔަން ރުފިޔާއެވެ.
ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިންނެވެ. އެންމެ ފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސްފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. މިހާރު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 9,353.40 ރުފިޔާއެވެ.
މުދަލު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާއަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ފަރާތްތަކަށް ބެހުމަށް ހާއްސަކުރެވިފައިވާ ފައިސާއެވެ. މި ފައިސާ ބޭނުންކުރެވެނީ ފަގީރުންނާއި މިސްކީނުންނަށް އެހީތެރިވުމަށާއި، އިސްލާމްދީން ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިވުމަށެވެ.