ދިވެހި ދަނޑުވެރިންގެ އުފެއްދުންތައް އަގު ހެޔޮކޮށް ބާޒާރުން ލިބެން ހުންނާނެ ގޮތް ހެދުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފިއެވެ. މިކަމާ ގުޅޭގޮތުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ މަޝްވަރާތަކެއް ބާއްވާފައެވެ.
މި މަޝްވަރާތަކުގައި ދަނޑުވެރިން އުފައްދާ ތަކެތި އެއަރކާގޯ ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢައިޝަތުޝަތު ރަމީލާ ވިދާޅުވީ، މާލޭ ބާޒާރާ ހަމައަށް ނުވަތަ އަތޮޅުތަކުގައި ހުރި މައި މާރުކޭޓުތަކާ ހަމައަށް ދަނޑުވެރިންގެ އުފެއްދުންތައް ގެންދިޔުމަށް ފްލައިޓުތައް އެތައް އެކަނި ހަމަޖެއްސުމަކުން ހައްލެއް ނާންނާނެ ކަމަށެވެ.
"ދަނޑުވެރިން ވަރަށް ބޮޑު ހޭދައެއް އެބަކުރޭ ދަނޑުން ބޯޓާ ހިސާބަށް މި އުފެއްދުންތައް ގެނައުމަށް. ފެރީގައި ދާ ރަށްރަށުގައި ދަނޑުން ފެރީއަށް ގެނައުމަށް އަދި އެއަރޕޯޓާ ހިސާބަށް ގެނައުމަށްވެސް. އެހެންވީމާ މި ހުރިހާ ފަރާތްތަކާއެކީ މަޝްވަރާތައް ކުރަމުން މިދަނީ، އެހެން ނޫންނަމަ ދާއިމީ ވަށާޖެހޭ ހައްލެއް ނުއެއް އަންނާނެ،" ވަޒީރު ރަމީލާ ވިދާޅުވިއެވެ.
ރަށްރަށުން ދަނޑުވެރިންގެ އުފެއްދުންތައް ފްލައިޓާ ހިސާބަށް ގެނައުމަށްވެސް ޚަރަދުތަކެއް ހިނގާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެ ހުރިހާ ދިމާލަކުން ހައްލު ހޯދައިގެން ނޫނީ މިކަމަށް ދާއިމީ ހައްލެއް ނާންނާނެ ކަމަށެވެ.
ދަނޑުވެރިންގެ އުފެއްދުންތައް ބާޒާރާ ހަމައަށް ގެނައުމަށް ކުރާ ހޭދަ ކުޑަކުރުމަކީ އޭގެ ސަބަބުން ބާޒާރުގައި ލިބެން ހުންނަ އެކި ބާވަތްތަކުގެ އަގު ހެޔޮވާނެ ކަމެއް ކަމަށް ބެލެވެއެވެ. މި މަސައްކަތުގެ ސަބަބުން ދިވެހި ދަނޑުވެރިންނަށް އިތުރު ފުރުސަތުތަކެއް ލިބި، ޤައުމުގެ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.