އިޖުތިމާޢީ އަދި ޢާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ހިންގާ "ހާލުކިހިނެއް" ޕްރޮގްރާމްގެ ދަށުން ވިލިނގިލީގެ 454 ގެއަކަށް ޒިޔާރަތްކޮށް މައުލޫމާތު ސާފުކޮށްފިއެވެ. މި ޕްރޮގްރާމްގެ ދަށުން ދެ ހަފްތާގެ ތެރޭގައި މި ގެތަކަށް ޒިޔާރަތްކޮށް، އެ ގެތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ހާލަތު ވަނީ ދެނެގަނެފައެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްގީއާއި ބެހޭ ވަޒީރުގެ ނައިބު މަރްޔަމް ލަހްފާ ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި، އާއިލާތަކުގެ ކަންބޮޑުވުންތައް އެފަރާތްތަކާ ހިއްސާކުރަމުންދާ ކަމަށެވެ.
ވިލިނގިލީގެ އާބާދީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެކަށީގެންވާ ބޯހިޔާވަހިކަން ނެތުން ކަމަށް ލަހްފާ ފާހަގަކުރެއްވިއެވެ. މި ކަންބޮޑުވުން 78% މީހުން ހިއްސާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޒިޔާރަތްކުރެވުނު ގެތަކުގައި އެވްރެޖްކޮށް 6 އާއި 10 މީހުންނާ ދެމެދުގެ އަދަދެއްގެ މީހުން ދިރިއުޅޭކަން ފާހަގަކުރެވުނު," ލަހްފާ ވިދާޅުވިއެވެ. "ބައެއް ގެތަކުގައި މަދުވެގެން 2 މީހުން ދިރިއުޅޭއިރު، 21 މީހުން ދިރިއުޅޭ ގޭބީސީތަކާވެސް ބައްދަލުވެފައިވޭ."
"ހާލު ކިހިނެއް" ޕްރޮގްރާމަކީ ކުޑަކުދިން، އަންހެނުން، ދޮށީ އުމުރުގެ މީހުން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފާގަތި ދިރިއުޅުމެއް ހޯދައިދިނުމުގެ މަޤްޞަދުގައި، ރައްކާތެރިކަން ބޭނުންވާ މީހުންގެ ހާލަތު ދެނެގަނެ، ސިޔާސަތުތައް އެކަށައެޅުމަށް ސަރުކާރުން ފަށާފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ސަބަބުން، ވިލިނގިލީގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތާއި ބެހޭ މުހިންމު މަޢުލޫމާތު ސަރުކާރަށް ލިބި، ކުރިއަށް އޮތްތަނުގައި އެ ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވޭނެ ކަމަށް އުންމީދު ކުރެވެއެވެ.