1 އޮކްޓޫބަރުގެ ކުރިން މަސްވެރިންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށް އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
1 އޮކްޓޫބަރުގެ ކުރިން މަސްވެރިންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށް އިލްތިމާސްކޮށްފި

މަސްވެރި އުޅަނދުތަކުގެ ފަޅުވެރިން 1 އޮކްޓޫބަރު 2024 ގެ ކުރިން މަސްވެރިންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.

މި ދަފްތަރަކީ މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމުގެ މަޤްޞަދުގައި އެކުލަވާލެވުނު ދަފްތަރެކެވެ. މިކަމަށްޓަކައި "ކެޔޮޅު" ނަމަކަށް ކިޔާ ފޯނު އެޕްލިކޭޝަނެއް 16 ފެބްރުއަރީ 2024 ގައި މިނިސްޓްރީން ވަނީ ތަޢާރަފުކޮށްފައެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި ދަފްތަރު ފުރިހަމަކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. މީގެ ތެރޭގައި މަސްވެރި އުޅަނދުތަކުގެ ޒިންމާވާ ފަރާތްތަކަށް ގުޅުމާއި، މަސްވެރި ރަށްރަށާއި މަސްކިރާ ބަނދަރުތަކަށް މިނިސްޓްރީގެ މުވައްޒަފުން ދަތުރުކޮށް މަޢުލޫމާތު ދިނުން ހިމެނެއެވެ.

މި ދަފްތަރުން އެއްކުރެވޭ މަޢުލޫމާތުތަކަަކަކީ މަސްވެރިކަމާބެހޭ ތަރައްޤީގެ މަޝްރޫޢުތައް ފަރުމާކުރުމަށާއި، މަސްވެރިންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތަކެކެވެ.

އެމިނިސްޓްރީން އިތުރަށް ބުނެފައިވަނީ، 1 އޮކްޓޫބަރު 2024 އިން ފެށިގެން މަސްވެރިކަމުގެ ލައިސަންސް އައުކުރުމުގެ މަރުޙަލާގައި އުޅަނދުގެ އެންމެހައި ފަޅުވެރިން ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާކަން ޔަޤީންކުރާނެ ކަމަށެވެ.

ދަފްތަރުގައި ރަޖިސްޓަރީވުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީގެ ފިޝަރީޒް ކޮމްޕްލަޔަންސް ސެކްޝަންގެ ވައިބަރ ނަންބަރު (7928721) އަށް މެސެޖް ކުރެވޭނެއެވެ. އަދި ރަޖިސްޓަރީވާނެ ގޮތުގެ ގައިޑާއި ވީޑިއޯ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

މިއަދު އޮންލައިން