ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އަލްއުސްތާޛް ޢައްބާސް ޝަރީފު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މި މަގާމަށް ހުޅުވާލުމުން ހަ ބޭފުޅަކު ކުރިމަތިލެއްވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ އައްބާސްގެ ނަން އެކަންޏެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އައްބާސްގެ ނަން ދިރާސާކުރުމަށްފަހު، އޭނާއަށް 93.91 މާކްސް ދީފައިވެއެވެ. މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ހާޒިރުވެވަޑައިގެން ތިއްބެވި 85 މެންބަރުންގެ އިއްތިފާގުން ޢައްބާސް ޝަރީފަށް ރުހުން ދިނުމަށް ފާސްކޮށްފައިވެއެވެ.
އަލްއުސްތާޛް ޢައްބާސް ޝަރީފަކީ ބާ ކައުންސިލްގެ ލައިސަންސާއި، ހައި ކޯޓާއި ސުޕްރީމް ކޯޓުފަދަ މަތީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ލައިސަންސްވެސް ލިބިވަޑައިގެންފައިވާ ޤާނޫނީ ވަކީލެކެވެ. އޭނާގެ ތަޖުރިބާއާއި ޤާބިލުކަމަށް ބަލާއިރު، ޕްރޮސެކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެކަށީގެންވާ ބޭފުޅެއްކަމަށް މަޖިލީހުން ދެކެވަޑައިގަންނަވައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމު ހުސްވެފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.