ޖަޕާން ސަރުކާރުގެ އެހީގައި މާލޭގެ ކާރިސާތަކަށް ތައްޔާރުވުން އިތުރުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 46ސ
ޖަޕާން ސަރުކާރުގެ އެހީގައި މާލޭގެ ކާރިސާތަކަށް ތައްޔާރުވުން އިތުރުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޖަޕާން ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޑިޒާސްޓަރ ރެޒިލިއަންސް އެންހޭންސްމަންޓް އިން މާލެ އައިލަންޑް" މަޝްރޫޢުގެ "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިސިޒް ތަކެއުޗި މިދޮރިއެވެ.

ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުއަށް މި އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 20 މިލިއަން ޖަޕާނީސް ޔެން (ސަތޭކަސާޅީސް ހާސް އެމެރިކާ ޑޮލަރު) ދިނުމަށްވަނީ ނިންމަވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ ޒަމީރު ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމާ ގުޅުންހުރި އެހެނިހެން ކާރިސާތަކުގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރުމުގައި މި މަޝްރޫޢުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މިމަޝްރޫޢަކީ، އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ރައްކާތެރިކަން ފޯރުކޮށްދޭނެ މަޝްރޫޢެއްކަމުގައި ވިދާޅުވިއެވެ.

2004 ވަނަ އަހަރުގެ އިންޑިއާ ކަނޑުގެ ސުނާމީ ކާރިސާއަށް އިޝާރާތް ކުރައްވައި، މިނިސްޓަރ ޒަމީރު ވަނީ މާލެ އާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަމަށްޓަކައި، ޖަޕާނުގެ އެހީގައި 1990 ވަނަ އަހަރު ބިނާކުރި މާލޭގެ ވަށާތޮށި އަދާކުރި މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޢަބްދުﷲ މުއްޠަލިބް ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން މި މިނިސްޓްރީގެ އިސް ވެރިންނާއި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް ފިނޭންސް، ޖަޕާނުގެ އެމްބަސީ އަދި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ އިސްބޭފުޅުން ވެސް ބައި ވެރިވެވަޑައިގެންނެވިއެވެ.


ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިފަދަ މަޝްރޫޢު ތަކުން ރާއްޖޭގެ ތަރައްްޤީގެޤީގެ ދަތުރުގައި ޖަޕާނުން އަދާކުރަމުންދާ މުހިއްމު ދައުރު ފާހަގަކުރައްވައި، ޖަޕާނު ސަރުކާރުން ދެއްވާ ދީލަތި އެހީތެރިކަމަށް މިނިސްޓަރ ޒަމީރު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މި މަޝްރޫޢުގެ ސަބަބުން މާލޭގެ ކާރިސާތަކަށް ތައްޔާރުވުމުގެ ޤާބިލުކަން އިތުރުވެ، ކުރިމަގުގައި ދިމާވެދާނެ ޤުދުރަތީ ކާރިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. މި މަޝްރޫޢުގެ ދަށުން މާލޭގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ޙައްލުކުރުމަށް މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ވެސް ލަފާކުރެވެއެވެ.

މި މަޝްރޫޢަކީ ޖަޕާނު ސަރުކާރުން ރާއްޖެއަށް ދެއްވާ އެހީތެރިކަމުގެ ތެރެއިން އެންމެ ފަހުގެ މަޝްރޫޢު ކަމުގައިވާއިރު، މީގެ ކުރިން ވެސް ޖަޕާނު ސަރުކާރުން ވަނީ ރާއްޖޭގެ އެކި ދާއިރާތަކަށް ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ. ޚާއްޞަކޮށް ތިމާވެށި ރައްކާތެރިކުރުމާއި، ކާރިސާތަކަށް ތައްޔާރުވުމުގެ ދާއިރާއިން ޖަޕާނުގެ އެހީތެރިކަން ފާހަގަކޮށްލެވެއެވެ.

 

 

މިއަދު އޮންލައިން