އިމިގްރޭޝަން އޮފިސަރުންކަމަށް ބުނެ ބިދޭސީން ދިރިއުޅޭ ތަނަކަށް ވަދެ ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގ.ބޭރުގެ، އުމުރުން 44 އަހަރުގެ މުޙައްމަދު ނަވީންކަމަށް ފުލުހުން މަޢުލޫމާތު ދެއްވާފައިވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މި މައްސަލައިގައި 3 މީހަކު ބިދޭސީން އުޅޭ ތަނަކަށް ވަދެ 9،000 ރުފިޔާ ފޭރިގަނެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މުޙައްމަދު ނަވީން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
މި ހާދިސާއާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައިވަނީ ރެއިޑްތަކުގައި ހަރަކާތްތެރިވާ އޮފިސަރުންނަމަ ޔުނިފޯމުގެ އިތުރުން އިމިގްރޭޝަން ފާސް އޮންނާނެ ކަމަށެވެ. އަދި މިފަދަ ކަންކަމަށް ސަމާލުވެ ޝައްކުވާނަމަ އެފަދަ މީހުންގެ ފާސް އަދި ފުރިހަމަ މަޢުލޫމާތު ބެލުމަށް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.
މި ހާދިސާ ހިނގާފައިވަނީ މޯލްޑިވްސް އިމިގްރޭޝަނުން ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ މީހުން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާކަމަށް ފުލުހުން މަޢުލޫމާތު ދެއްވާފައިވެއެވެ.